ޚަބަރު

ޢާންމު ޙާލަތުގައިވެސް ޝަރީޢަތްތަކުގައި ވީޑިއޯ ކޮންފަރެންސް ބޭނުންކުރާނަން - ޕީޖީ ޝަމީމް


ޖިނަޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަ ބަދަލާއެކު، ޢާންމު ޙާލަތަށް ރާއްޖެ ދިއުމުންވެސް، ދަޢުވާލިބޭ މީހާ ބޭނުވެއްޖެނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތަތްތައް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާ، މިއީ މުޅި ނިޒާމަށް ލިބިދާނެ އަވަސްކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޚާއްސަ ޙާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ޚާއްސަ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައި ޝަރީޢަތުގެ މަރުޙާލާ ވީޑިއޯ ކޮންފަރެންސް މެދުވެރުކޮށް ހިންގުމަށް ހުރަސްތަކެއް އެބައޮތްކަމަށެވެ.

ނަމަވެސް މަޖިލީހަށް ހުށައަޅާފައިވާ ބިލުން އެކަންކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ޕީޖީ ޝަމީމް ވިދާޅުވީ، ވީޑިއޯ ކޮންފަރެންސްމެދުވެރިކޮށް ހުރިހާ ޙާލަތެއްގައިވެސް ޝަރީއަތް ހިންގުމުގެ ފުތުޞަތު ލިބިގެން ދިއުމަކީ ދައުވާ ލިބޭ ފަރާތައްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމެއްކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުގައި ވަކީލުންގެ އެހީތެރިކަންހޯދުމަކީ ފަސޭހަކަމަކަށްނުވާއިރު ވަކީލުންހޯދުމުގެ ޚަރަދަށާއި، އެނޫންވެސް ޚަރަދުތައް ކުޑަކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ކަންބޮޑުވެވަޑައިގެންފާނެ ކަންނޭނގެ މިހެން ހަދައިފިއްޔާ ހުރިހާ ޝަރީޢަތެއް ހިންގޭނީ މިހެންނޭ. އެހެނެއްނޫން މި ވާންއުޅޭނީ. ހުރިހާ ޝަރީޢަތެއް ހިންގޭނީ ޝަރީޢަތް މެދުވެރިކޮށެއްނޫން. އެގޮތަށްވާކަށް ނޫޅޭ. މީގަ ޚަރަދަށާއި ދަތުރުފަރުގެ ކަންކަމަށް ބަލާނަމަ ވަރަށް ބޮޑު ޚަރަދެއް ސަލާމަތްކުރެވޭ އެބަ ބައެއްކަހަލަ މައްސަލަތަކުގަ." ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވީ، ކޯވިޑް-19ގެ މިޙާލަތަކީ ކުރިން ނުވާނެކަމަށް ބަލައިގެން ތިބި ވަރަށް ގިނަ ކަންކަން ކުރުމަށް ލިބުނު ފުރުޞަތެއްކަމަށާ، ކޯވީޑް-19ހެ ޙާލަތުގައި ހޯދި ލުއިފަސޭހަތައް މި ހާލަތު ނިމިގެން ދިއުމުންވެސް ޕީޖީ އޮފީހުން ބޭނުން ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޮޑެތި މައްސަލަަތައް ނިންމުންވެސް އަވަސްވެގެންދާނެކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން ޖިނަޢީ އިޖުރާޢަތުގެ ޤާނޫނަށް ހުށައޅާފައިވާ އިޞްލާޙުގައިވަނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލާތްތަކުގައި ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެކަމަށެވެ. މީގެއިތުރުން ޖިނާއީ ކުށަކާ ގުޅިގެން ބަންދުގައި ހުންނަމީހަަކާއި އޭނާގެ ވަކީލަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރުމުގެ އިންތިޒާމް ހަމަ ޖައްސަދޭންވާނެ ކަމަށްވެސް މި ބިލްގައިވެއެވެ.

ޚާއްސަ ޙާލަތްތަކުގައި ކުށެއްގެ ތުހްމަތުގައި ބަންދު ކުރެވޭ މީހަކު ވަގުތުން ޕޮލިސް ސްޓޭޝަނަކަށް ގެންދެވެން ނެތްނަމަ ހޯމް މިނިސްޓަރު ކަނޑައަޅުއްވާ ތަނެއްގައި ބެހެއްޓިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ޚާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް އިސްލާހް ހުށައަޅާފައި މިވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި އެފަދަ ޙާލަތުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާފައި ނެތުމުންވެ.