ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާންމުންގެ އެއްބާރުލުން ބޭނުން - އެންއީއޯސީ


އުމުރުން ދުވަސްވީ މީހުންގެ ސާމަޕަލް ނެގުމަށް އާންމުންގެ އެއްބާރުލުން ލިބެމުން ނުދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލްނެގުމަށް މިހާރު ފަށާފައިވާ މަސައްކަތައް ބޭނުންވާ ވަރަށް އާންމުންގެ އެއްބާރުލުން ލިބެމުން ނުދާކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަކީ މިވަގުތަށް ވަރަށް މުހިއްމުކަމެއް ކަމަށާއި، އެންމެ ރިސްކުބޮޑު އާބާދީގެ ތެރޭގައި ބަލިއުޅޭނަމަ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވޭނީ އެކަމަށް އެއްބާރުލުންދީގެންކަމަށެވެ.

އޭސިމްޕްޓޮމެޓިކް ކޮށްވެސް ބަލިޖެހޭއިރު، އުމުރުން ދުވަސްވީ މީހުންގެތެރޭގައި ތަފާތު ބަލިތައް ތަހަންމަލްކުރާ މީހުންގިނައިން ތިބިކަމަށާއި، އެކަމަށް ފަސްނުޖެހި އެއްބާރުކުން ދިނުން މުހިއްމުކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ބިރުގަންނަނީކަންނޭނގެ ގޭގައިވާ އުމުރުން ދުވަސްވީ މީހަކު ސާމަޕަލް ނަގާއިރު ޕޮޒިޓިވްވެއްޖެއްޔާ އޭނާ އެހެން ތަންތަނަށް ގެންގޮސްފިއްޔާ އޭނަގެ ހާލު އަނެއްކާވެސް ގޯސްވެދާނެއޭ. ނޫނިއްޔާ އެފަދަ ތަފާތު ބިރުތަކާއިހެދިގެން އެސާމްޕަލް ނެގުމަށް އެބަ އިންކާރުކުރޭ"ޑރ. އަފްސަލް ވިދާޅުވިއެވެ.

ޑރ. އަފްސަލްވަނީ ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓުކުރާ މިންވަރު ކުރިއަށްވުރެ މަދުނޫންކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިދުވަސްކޮޅު ނެގޭ ސާމްޕަލްތަކުގެ ނަތީޖާތަކުން ކޭސްލޯޑް ދަށްކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ގެތަކުގައި ތިބޭ އާއިލާގެ މީހުންގެ ރައްކަލަކައްޓަކައި ގެއިން ބޭރަށްދާ މީހުން ގެޔަށްވަނުމަށްފަހު، އުމުރުން ދުވަސްވީ މީހުންނާއި، ތަފާތު ބަލިތައް ތަހައްމަލްކުރާ މީހުންގެ އިތުރުން މާބަނޑުމީހުންނާއި ފަސް އަހަރުންދަށުގެ ކުދިންނާއި ބައްދަލުކުރުމުގެ ކުރިން ރަނގަޅަށް ފެންވަރައި ސާފުތާހިރުކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ޑރ. އަފްޒަލް ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.