ޚަބަރު

މާލީ ދަތިކަމުގެ ސަބަބުން ބިލް ނުދެއްކުނަސް ކަރަންޓެއް ނުކަނޑާނެ - ސްޓެލްކޯ


ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން ލޮކްޑައުންކޮށްފައިވާ ރަށްރަށުގެ ކަސްޓަމަރުންނަށް މާލީ ދަތިތަކުގެ ސަބަބުން ބިލް ނުދެއްކުނު ނަމަވެސް ޚިދުމަތް ކަނޑާނުލާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމާފައިވަނީ ކަރަންޓަކީ ޒަރޫރި ޚިދުމަތަކަށްވުމާއި، މިދަޑިވަޅުގައި ކަރަންޓު ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ލުޔެއް ދިނުމަށްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އާ ގުޅިގެން ޢާއްމުނަށް ދިމާވާނެ ދަތިތަކަށް ލުޔެއް ދިނުމަށް ސަރުކާރުންވަނީ މެއިމަހާއި ޖޫންމަހުގެ ކަރަންޓުބިލުން %40 އުނިކޮށްފައެވެ. މި ނިންމުމާ އެއްގޮތަށް ސްޓެލްކޯއިންވެސް މިމަހު ބިލް ފޮނުވާފައިވަނީ %40 ކުޑަކޮށެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ ބިލް ނުދައްކައިގެން ކަރަންޓު ކަނޑާލާނެކަމަށް އެ ކުންފުނިން އިންޒާރުދެމުންދާކަަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާވާހަކައަކީ ދޮގެއްކަމަށެވެ. ފުރަބަންދުގައިވާ ރަށްތަކަށް ލުއިދިނުމުގެ ގޮތުން، މާލީ ދަަތިކަން ދިމާވެފައިވާ ކަސްޓަމަރުންނަށް ބިލް ނުދެއްކުނު ނަމަވެސް ކަރަންޓުގެ ޚިދުމަތް ކަނޑާނުލާނެކަމަށް އެ ކުންފުނިންވަނީ ވިދާޅުވެފައެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ ކުންފުންޏަށް ގުޅައިގެން އެކަން އޮޅުންފިލުވުމަށްވަނީ އެދިފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްޓެލްކޯއިންދަނީ ބިލް ފޮނުވުމާއި ބިލް ދެއްކުމުގެ ޚިދުމަތް އޮންލައިންކޮށްފައެވެ. އެގޮތުން މިހާރު ގޭގެއަށް ބިލް ފޮނުވަނީ ސްޓެލްކޯގެ އެޕްލިކޭޝަނާއި އެސްއެމްއެސްގެ ޒަރިއްޔާއިންނެވެ. އަދި ބިލް ދެއްކުމުގައިވެސް އޮންލައިން ޕޭމަންޓް ހެދުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ 35 ރަށަކަށް ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެއެވެ.