ޚަބަރު

ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދުނިމަށް ދުބާއީއިން ބޭނުންކުރަނީ ބުރުޖު ޚަލީފާ


ކޯވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ދުނިޔޭގެ އެންމެ އުސް އިމާރާތްކަމަށްވާ ބުރުޖު ޚަލީފާ ބޭނުންކުރަން ފަށައިފިއެވެ.

ދުބާއީގެ ދަ މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމު ގްލޯބަލް އިނީޝިއޭޓިވްސުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތުގައި 828 މީޓަރުގެ އުސް ބުރުޖު ޚަލީފާ ބޭނުންކުރަމުންދަނީ ފަންޑު ފޮށްޓެއްގެ ގޮތުގައެވެ. އެ މަސައްކަތަކީ ރަމަޟާންމަހުގެ ތެރޭގައި ފަޤީރު ޢާއިލާތަކަށް 10 މިލިއަން ކެއުން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރަމުންދާ މަސައްކަތެކެވެ. އެ ފަންޑަށް ފައިސާ އެއްކުރުމަށް ބުރުޖު ޚަލީފާގައި ހަރުކޮށްފައިވާ 1.3 މިލިއަން ބޮކިދަނީ ވިއްކަމުންނެވެ. ބޮތްކެއްގެ އަގަކީ 10 ދިރުހަމް ނުވަތަ 2.70 އެމެރިކާ ޑޮލަރެވެ. އެއީ އެއް އިރުގެ ކެއުން ފޯރުކޮށްދޭން ޚަރަދުވާ ޢަދަދެވެ.

ޢާންމުން ބޮކިތައް ގަންނަމުންދާ ވަރަކަށް ޓަވަރުގެ ބޮކިތައް ދިއްލަމުންދާނެއެވެ. ޓަވަރުގެ އެންމެ މަތީގައި ހަރުކޮށްފައިހުރި ބޮކިތައް ގަތުމަށް ބިޑުކުރުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ދުބާއީއަކީ ސަރަޙައްދީ ވިޔަފާރީގެ މައި މަރުކަޒެކެވެ. ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތް އަޑިއަޅާލުމުން ދުނިޔޭގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރު އޮންނަ ދުބާއީގެ އިޤްދިޞާދަށްދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. ވަޒީފާތަކުގައި އުޅޭ މީހުންނަށް ލިބޭ އާމުދަނީވެސްވަނީ ދަށްވެފައެވެ. އެހެންކަމުން ތޮށްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ އެތައް ހާސް ބިދޭސީ މަސައްކަތްތެރިންވަނީ އަނބުރާ ޤައުމަށް ދިޔުމަށް ނަން ނޯޓުކޮށްފައެވެ.

ޔޫއޭއީގައި 19،661 މީހުންނަށް ކޯވިޑް-19 ޖެހި، 203 މީހުންވަނީ މަރުވެފައެވެ. ޔޫއޭއީއަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މީހުން މަރުވަފައިވާ ޤައުމެވެ.