އެއަރލައިންތަކުން އަލުން ވައިގެ ދަތުރުފަތުރުތައް ފަށާއިރު ކްރޫއިންނާއި ފަސިންޖަރުން މާސްކް އަޅަން ލާޒިމްކުރުމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ގޮވާލައިފިއެވެ.
ހޯދުންތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި ފްލައިޓް މަތިން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް މިކަން އިތުރަށް ކަށަވަރު ކުރުމަށް އަޔާޓާއިން ވަނީ ފްލައިޓްގައި ދަތުރުކުރާ ކްރޫއިންނާއި ފަސިންޖަރުންވެސް މާސްކްއެޅުމަށް އިލްތިމާސްކުރަމުންނެވެ.
ކްރޫއިން އަދި ފަސިންޖަރުން މާސްކްއެޅުން ލާޒިމް ކުރާނެކަމަށް މިހާރުވެސް ބައެއް އެއަރލައިންތަކުން ވަނީ އިއުލާންކޮށްފައެވެ. މިގޮތުން އެއަރ އޭޝިއާ، އެއަރ ކެނަޑާ، އެއަރ ފްރާންސް، އެމެރިކަން އެއަރލައިންސް، ޑެލްޓާ، އެމިރޭޓްސް، އީވާ އެއަރ، ޖެޓް ބްލޫ، ކޭއެލްއެމް، ލުފްތާންސާ، ސިންގަޕޯރ އެއަރލައިންސް، ޔުނައިޑަޓް، ވިޒް އެއަރ ފަދަ އެއަރލައިންތަކުން ވަނީ ފަސިންޖަރުން އަމިއްލައަށް ނުވަތަ އެއަރލައިނުން ފޯރުކޮށްދީގެންވިޔަސް މާސްކްއެޅުން ލާޒިމްކުރާނެ ކަމަށް ބުނެފައެވެ.
ވައިގެ ދަތުރުފަތުރުތަށް އަލުންފަށާއި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ އެހެން ފިޔަވަޅުތައްވެސް އަޔާާޓާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން އެއަރޕޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެއަރލައިން ކްރޫއިންނާ ފަސިންޖަރުން އެއަރޕޯޓަށް ވަންނަ އިރު ޓެންޕަރޭޗަރ ބެލުމާއި، ފްލޭނަށް ފަސިންޖަރުން އެރުވުމާއި ބޭލުވުމުގައި ވީހާވެސް އެކަކު އަނެކަކާއި ގައިދުރު ވާނެހެން ކަންތައްތައް ރޭވުމަށް އަޔާޓާއިން އެއަރލައިންތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ކެބިން ތެރޭގައި މީހުން ހެލިފެލިވެ އުޅުން މަދުކުރުމާއި، ފްލޭންތައް ވީހާވެސް އަވަސް އަވަހަށް ރަގަނޅަށް ސާފުކުރުމާއި، ފަސިންޖަރުންނަށް ޕްލޭންގައި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކޮންޓެކްޓް މަދުކުރެވޭނެ ގޮތްތަކަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް އަޔާޓާއިން އިލްތިމާސްކުރެއެވެ.
ނަމަވެސް ބައެއް އެއަރލައިންތަކުން ދަތުރުތައް އަލުން ފަށާއިރު ތިން ސީޓުގެ ތެރެއިން މެދު ސީޓު ހުސްކޮށް ބާންދައިގެން ދަތުރުކުރުމަށް ނިންމުމަށް އަަޔާޓާއިން ތާއީދެއް ނުކުރެއެވެ. އެއެސޯސިއޭޝަނުން ބުނީ މިގޮތަށް މެދު ސީޓު ހުސްކުރިޔަސް ސިއްހީ މާހިރުންގެ ލަފަޔާއި އެއްގޮތަށް 1-2 މީޓަރުގެ ދުރުމިނެއް ފަސިންޖަރުންގެ މެދުގައި ނުބެހެއްޓޭނެކަށެވެ. އަދި ސީޓްތަށް ހުސްކޮށް އޮޕަރޭޓް ކުރާނަމަ އިޤްތިސާދީ ގޮތުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެއަރލައިންތަކަށް އިތުރު ގެއްލުމާއި ކުރިމަތިވާނެކަމަށެވެ.
ވައިގެ ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން އިޤްތިސާދީ ގޮތުން އެއަރލައިންތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އަޔާޓާއިން ބުނެއެވެ.