ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ


ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.

ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 52ގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހާއެވެ. އެއީ ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19ވަނަ ދުވަހުއެވެ.

މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 32 އަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 14 ބިދޭސީންނެވެ.

ކޯވިޑް-19 އިމްޕޯޓެޑް ކޭސް ނުވަތަ ރާއްޖެއިން ބޭރުން އައިސް ކަރަންޓިންގެ މުއްދަތުގައި ހުއްޓާ ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވި ހުރިހާ އެންމެން މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މާލެއިން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި ބައެއް މީހުންވެސް މިހާރު ވަނީ ރަނގަޅުވެފައެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ޢަލާމާތް ފެންނަ މީހުންނަށްވުރެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންކަމަށްވެސް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމދު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖެއިން ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވީ މީހުންގެ ގޮތުގައި 5740 މީހުން ފާހަގަވެފައިވާކަމަށާއި 313 ތަނެއް މޮނިޓަރިންނަށް ލާފައިވާކަމަށެވެ. އަދި އައިސޮލޭޝަންގައި 903 މީހުންނާއި ކަރަންޓީން ފެސިލިޓީ ތަކުގައި 1445 މީހުން އެބަތިބި ކަމަށެވެ. މީގެ އިތުރުން ޓްރާންސިޓް ކަރަންޓީންގައި 52 މީހަކު ތިބިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 904އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނެނީ 301 ދިވެހިންނާއި 603 ބިދޭސީންނެވެ. ބަލިން ރަނގަޅުވިކަމަށް ނިންމަނީ ބަލިމީހާގެ ސާމްޕަލް ދެފަހަރު ނަގައި ޓެސްޓުކޮށް، ނެގެޓިވްވުމުންވެ.