ޚަބަރު

ނަރުހުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި ރައީސް ހިތްވަރުދެއްވައިފި


ދިމާވެދާނެ ނުރައްކަލަށް ބެލުމެއްނެތި މި ދަނޑިވަޅުގައިވެސް ދިވެހި ނަރުހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނަރުހުންގެ މަސައްކަތްތައް ހިތްވަރުދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަރުހުންނަކީ އަމިއްލަ ނަފްސައްވުރެ އެހެންމީހުންގެ ފުރާނައާއި ސިއްޙަތައް އިސްކަންދީގެންމަސައްކަތްކުރާ ބައެއްކަމަށެވެ.
މިކަން ކޯވިޑް19 ގެ މިހާލަތުގައި ބިރެއްނެތި ނަރުހުން ކުރައްވާ ހިތްވަރާއި ދެއްވާ ޚިދުމަތްތަކުން މިއަދު ހަނދާންކޮށްދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މާޗްމަހުގެ 12 ވަނަ ދުވަސް ބައިނަލްްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ނަރުހުން ކުރިމަތިލާފައިވަނީ ފަހުގެ ތާރީޚެއްގައިވެސް ނަރުހުން ތަޖުރިބާކޮށްފައިނުވާފަދަ ނުރައްކާތެރި އަދި ބިރުވެރި ދުވަސްތަކާއެވެ. ކޯވިޑް-19 ގެ މިހާލަތުގައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމުގައި ދިވެހި ނަރުހުންވެސް ދަނީ އިސް ސަފުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މާލޭގައި ކޯވިޑް-19 ފެތުރެންފެށުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމުގައި ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ފަރުވާގެ ކަންކަމުގައި ނަރުހުންދަނީ ހަރަކާތެރިވަމުންނެވެ. އަދި ނާސިންގ ކިޔަވާ ދަރިވަރުންވެސް މި ދަނޑިވަޅުގައި ދަނީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސެންޓަރުގެ މަސައްކަތްތަކާއި ގުޅިގެން ހަރަކާތްތެރިވަމުންދެއެވެ.