ޚަބަރު

އޮންލައިންކޮށް ކިޔަވައިދޭން ފެށުމަށްޓަކައި ދަރިވަރުންނަށް އިންޓަރނެޓް ޑޮންގްލް ދޭން މަޝްވަރާކުރަނީ

އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދިއުމަށްޓަކައި ކޮންމެ ދަރިވަރަކަށް އިންޓަނެޓް ޑޮންގްލްއެއް ދިނުމާ ގުޅޭގޮތުން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން އޮންލައިންކޮށް ކިޔަވަދޭން ފެށިނަމަވެސް ގިނަ ދަރިވަރުންނަށް އިންޓަރނެޓް ލިބުމުގައި ދަތިތަކެއް ދިމާވަމުންދިޔަ ކަމަށެވެ. އެހެންކަމުން މި ދަތިކަން ހައްލުކުރުމަށްޓަކައި ކޮންމެ ދަރިވަރަކަށް ޑޮންގްލްއެއް ދިނުމަށް ވިސްނަމުންދާކަމަށެވެ. އަދި މީގެ ކުރިން "ޓެލިކްލާސް" ކުރިއަށް ގެންދިޔައިރުވެސް އިންޓަނެޓާއި ޓީވީގެ ޚިދުމަތް ނުލިބޭ ދަރިވަރުންނަށް ކަރުދާސް މެދުވެރިކޮށްވެސް ފިލާވަޅުތައް ފޯރުކޮށްދީފައިވާކަމަށެވެ. އަދި ފުރަބަންދުގައި ނެތް ރަށްތަކުގައިވެސް އެކި މަރުހަލާތަކަށް ބަހާލައިގެން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ޢާދަމް ވިދާޅުވީ މުވާސަލަތީ ކުންފުނިތަކާއެކު މަޝްވަރާކުރަމުން އަންނަނީ ސްޓޫޑެންޓް ޕެކޭޖެއް ތައާރަފުކޮށް ވަކި ހާއްސަ ސިމްކާޑެއް ދިނުމަށް ކަމަށެވެ. އަދި މިކަމަށް މުވާސަލާތީ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެންމެ ގިނަ ދަރިވަރުންނަށް ބޭނުންކުރެވޭނީ ކޮން ވަސީލަތެއްތޯ ބެލުމަށް ހެދި ސަރވޭއަށް 51000 ދަރިވަރުންގެ ފަރާތުން ޖަވާބު ލިބުނު ކަމަށެވެ. އެގޮތުން މި ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ދަރިވަރުންގެ ގޭގައި އިންޓަރނެޓްގެ ޚިދުމަތް ލިބެން ހުރިއިރު 15000 ދަރިވަރުންނަށް އެ ޚިދުމަތް ނުލިބޭކަން މި ސަރވޭއިން ހާމަވި ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މިކަން ސަސްޓެއިނަބަލް ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ދިރާގާއި އުރީދޫގެ އެހީގައި ސްޓޫޑެންޓް ޕެކޭޖެއް، ވަކި ހާއްސަ ޑޮންގްލްއަކާއި ވަކި ހާއްސަ ސިމެއް ކޮންފިގާ ކުރުމުގެ މަޝްވަރާތަކެއް އުރީދޫ އާއި ދިރާގާއެކު އަޅުގަނޑުމެން ދަނީ ކުރެވެމުން،" މޫސަ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ މިހާރު މިވަނީ ދެ މަސްވެފައެވެ. ސްކޫލްތައް ބަންދުކުރުމަށްފަހު ޓީވީ ޗެނަލްތަކާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޓެލިކްލާސްތައް މެދުވެރިކޮށް ފިލާވަޅުތައް ނަގައި ދެމުން އައި ނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މާލެ ފުރަބަންދުކުރުމާ ގުޅިގެން އެ ކްލާސްތައްވެސް ވަނީ މެދުކަނޑާލާފައެވެ.