ޚަބަރު

ކޯވިޑް-19 : "އައު ޢާއްމު ޙާލަތުގައި 4 ދަންފަޅިއަށް ކިޔަވއިދޭން ޖެހިދާނެ"


ކޯވިޑް-19އާ ގުޅިގެން އަންނަ އައު ޢާއްމު ޙާލަތުގައި ސްކޫލުތަކުގެ ކިޔެވުން ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތައްޤީއާއި ތަރިކައާބެހޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ އައު ޢާއްމު ޙާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ޕްލޭން ހަދަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ޔުނިސެފްގެ އެހީތެރިކަމާއެކު ކޮންސަލްޓެންޓްއެއް މެދުވެރިކޮށް މިހާރު ރާއްޖޭގެ ތަޢުލީމީ ހާލަތުގެ "ރެޕިޑް އެސިސްމެންޓް"އެއް ހަދައި "ކޯވިޑް-19 ރެސްޕޮންސް ޕެލޭން" ތައްޔާރުކޮށް ޑްރާފްޓްކުރުމުގެ މަރުހަލާގައި އޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައު ޢާއްމު ޙާލަތުގައި ކިޔަވައިދޭން ފެށުމުން ސްކޫލުގައި ދަރިވަރުން ހޭދަކުރާ ވަގުތު ކުޑަވާނެކަމަށާ، ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ނުވަތަ ގައިދުރުކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މާލޭގެ ގިނަ ސްކޫލްތައް ދެ ދަންފަޅިއަށް ކިޔަވައިދެމުންދާއިރު އެ ސްކޫލްތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެހެންނަމަވެސް މިގޮތަށް ހަތަރު ދަންފަޅިއަން ކިޔަވއިދޭން ފަށައިފިނަމަވެސް އެކުދިން ސްކޫލްގައި ކިޔަވަމުންދާނީ ދުރުދުރުގައި މޭޒުތައް ބަހައްޓައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނިއު ނޯމަލްގައި ކަން ކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަ ފެނޭ ބައެއް ސްކޫލުތަކުގައި ހަތަރު ދަންފަޅި އަށް ވެސް ގެންދަން ޖެހޭތަން. ސްކޫލުގެ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. ކުދިން ފޭސްޓު ފޭސްކޮށް މުދައްރިސާ ބައްދަލުކުރާނީ މަދު ވަގުތުކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ލެސަން ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި މި އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު ފިޔަވައި އެހެން ހުރިހާ ސްކޫލެއް ހިންގަނީ ދެ ދަންފަޅިއަށެވެ. އޭގެ އިތުރުން ހުޅުމާލޭގައި މިދިޔަ އަހަރު ކިޔަވައިދޭންފެށި ހުރަވީ ސްކޫލުގައި ވެސް ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށެވެ. ރަށްރަށުގެ ގިނަ ސްކޫލުތަކެއްގެ ކިޔެވުން ވެސް ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ޓީޗަރުންނަކީ ދަރިވަރުންނާ ދިމާވެގެން ނޫން ގޮތަކަށް ކިޔަވައިދޭން ތަމްރީނުވެފައިތިބި ބައެއް ނޫން ކަމަށެވެ. އާ މޯޑަކަށް ކިޔަވައިދޭން އިތުރު ތަމްރީނުތައް ބޭނުންވާކަމަށާ، އެ ތަމްރީނުތަކަށްވެސް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލުން ސްކޫލުތައް ހުޅުވުމުގެ ކުރިން އަތް ދޮވެވޭނެއިތުރު ވަސީލަތްތައް ސްކޫލްތަކުގައި ގާއިމްކުރަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލްތަކުގެ ގޭޓް ކައިރިން ދަރިވަރުންގެ ހުން ބެލުމުގެ ވިސްނުންވެސް އެބަހުރިކަމަށާ އެކަމަށް ބޭނުންވާ ކަންކަން ހަމަޖައްސަން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރިތާ ދެ މަސް ވެގެންދިޔައިރު އެކަޑަމިކް ކަލަންޑަރަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އޭ ލެވެލް އިމްތިހާނާއި އޯ ލެވެލް އިމްތިހާނު ފަސްކޮށް ފުރަތަމަ ޓާމުގެ ޓެސްޓް ވެސް ވަނީ ކުރިއަށްގެންދެވޭ ގޮތް ނުވެފައެވެ.