ޚަބަރު

"މަގަތުގައިއިން މަގޭ ދަރިފުޅު، ދުރަށްލާފައި އެކަނި މިދަނީ": ނަރުހެއް


ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ މުހިއްމު އެއް ބަޔަކީ ނަރުހުންނެވެ. އެއީ ހޮސްޕިޓަލްތައް ހަދައިގެން ސިއްޙީ ޚިދުމަތް ފެށުނުނު ޒަމާނުގެ ކުރިންވެސް ނަރުހުންނަކީ އިންސާނިއްޔަތަށްޓަކައި ޚިދުމަތް ކުރުމުގައި އެފަދަ ދެވަނައެއް ނުވާ ބައެކެވެ.

މިއަހަރަކީ، ނަރުހުންނާއި ފޫޅުމައިގެން އަހަރުގެ ގޮތުގައި ޑަބުލިޔުއެޗްއޯއިން ފާހަގަކުރުމަށް ކަނޑައަޅާފައިވާ އަހަރެވެ. މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. އެހެން އަހަރުތަކުގައި މިދުވަސް ކުލަ ގަދަގޮތެއްގައި ފާހަގަކޮށް، ނަރުހުންގެ އަގުވަޒަންކޮށް ހަފްލާތައް ބާއްވައި ހަދިޔާތަކާއި ހެޔޮއެދުންތައް ފޮނުވޭއިރު މިއަދު އެހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ.

ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19އާއި ދެކޮޅަށް ނަރުހުން ކުރަމުންދާ މަސައްކަތުގައި އެހެން ކަމަކާއި މެދު ވިސްނާލަން ކުޑަވެސް ވަގުތުކޮޅެއް ނުލިބި ނަރުހުން ތިބީ އިންސާނީ ޚިދުމަތުގައި މަސައްކަތުގައެވެ. އެޝުއޫރުތައް ގަލަމާއި ދުލަށް ބަޔާންކޮށްދޭން ނުކުޅެދޭހައި ފުނެވެ.

ނަރުހެއްގެ ޝުއޫރާއި ޤައުމީ ޖޯޝް އައިޖީއެމްއެޗުގެ ގައިނީ އެމާޖެންސީގައި މަސައްކަތްކުރާ ރެޖިސްޓާރޑް ނާސް މިޑްވައިފް، އަމްރާ އަހުމަދު ހާމަކޮށްދިނީ އޭނާގެ ހިތުގެ އެންމެ ފުނުން ނެރެ ގަތާލި ޅެންބަހުގެ ލަފުޒުތަކުންނެވެ.

  • ވަޤުތު ޤައުމަށް މަގޭ ޚިދުމަތް، އަހުދު ކުރިހެން ދެމުން މިދަނީ
  • މަގަތުގައި އިން މަގޭ ދަރިފުޅު، ދުރަށްލާފައި އެކަނި މިދަނީ

"ޤައުމަށް މަގޭ ޚިދުމަތް މިވަގުތު ދެމުން ދެމުން މިދަނީ އަހުދު ކުރިފަދައިންނެވެ، މަގަތުގައި އިން މަގޭ ދަރިފުޅު ދުރަށްލާފައި މިދަނީ އެކަނި މާއެކަންޏެވެ"

އަމްރާހެދި ޅެމުގެ މައިގަނޑުގައި އޭނާ ބުނެފައިވެއެވެ. އުމުރުން 9 މަހުގެ ތުއްތު ފިރިހެން ދަރިފުޅަކު އޮތް އަމްރާ ހޮސްޕިޓަލްގެ ޑިއުޓީއަށް ދަނީ، މަންމަ އާއި ދަރިފުޅު ހަވާލުކޮށްފައެވެ. އަމްރާގެ ފިރިމީހާއަކީ ސިފައިންގެ މީހެކެވެ. 15 އޭޕްރީލްގައި ލޮކްޑައުން ކުރިފަހުން ފިރިމީހާވެސް ވީ ޤައުމީ ޚިދުމަތުގައި އާއިލާ އާއި ދުރުގައެވެ.

އަމްރާ ބުނި ގޮތުގައި، ނަރުހުންގެ ދުވަހަށް ޚާއްސަ ޅެން ހަދާފައި ވަނީ ނަރުހުންގެ ދުވަހަށް ޚާއްސަކޮށް ހޮސްޕިޓަލްގެ ސީނިއަރ ނަރުހުންނާއި ހޮސްޕިޓަލްގެ އިސް އެހެން ބޭފުޅުންގެ އެދިވަޑައިގަތުމަށެވެ.

"ފޫހި ފިލުވާލުމަށް ސްޓްރެސް ފިލުވާލުމަށްވެސް ކުރެވޭކަމެއް ޅެން ހެދުމަކީ، މިޅެން ހެދީ މިފަހަރު ނަރުހުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް ކަމެއް ނުކުރެވޭތީ ސޯޝަލް މީޑިއާއަށް ދޫކޮށްލުމަށް." އަމްރާ ބުންޏެވެ.

ޅެމުގެ ކޮންމެ ބައިތަކީވެސް އަސަރުގަދަ ބައިތެކެވެ. ނުރައްކާ އޮތް ނަމަވެސް ޤައުމާއި ވަޠަނުގެ ހައްޤުޤައި ކުރުމަށް އަހުދުވި ޚިދުމަތުގައި ފަސްޖެހުމެއް ނެތްކަމުގައި އަމްރާ ވަނީ ބުނެފައެވެ.

  • ވަޠަން އަމަނާއި އަމާން ކަމުގައި، އޮތުން އެދިގެން ކުރާ އާދޭސް
  • ގަތަން ޚިދުމަތުގެ ރަން ހާރެއް، މަރުގެ ތުންފަތް މަތިން މިދަނީ

"ނަރުހުން މަދުވީމަ، 8 ގަޑިއިރުވެސް ޑިއުޓީ ކުރަން ޖެހުނު. މިހާރު އެކަމަކު 6 ގަޑިއރު ޑިއުޓީ ކުރަނީ. ގައިނީ އެމާޖެންސީގައި މަސައްކަތް ކުރާއިރު، ސަސްޕެކްޓް ކުރެވޭ ކޭސްއެއް ފެނިއްޖެ ނަމަ، ނަތީޖާ ލިބެންދެން ވަކިން އައިސޮލޭޓްވާން ޖެހޭނެ" އަމްރާ ބުންޏެވެ.

އަމްރާ ބުނީ، ގޭގައި ދަރިފުޅުގާތުގައި ހުންނަނީ މަންމަ އެކަނި ކަމުގައިވުމުން، މަންމަ ކަންބޮޑު ނުވާނޭ ގޮތަށްވެސް ކަންކަން ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށެވެ. އަދި ކޯވިޑްގެ ނުރައްކަލައި ފްރޮންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ އިރު ސްޓްރެސް ކުޑަކުރުމަށް އެހެން ނަރުހުންނާއި އެކު މަސައްކަތްތައް ކުރެވޭ ކަމަށެވެ. އަދި ފިކުރުތަކާއި ކަންބޮޑުވުންތަކުން ދުރުވުމަށް ލިބޭ އެންމެ ބޮޑު އެހީއަކީދަރިފުޅާއި އެކު ހޭދަކުރެވޭ ވަގުތުކަމުގައި އަމްރާ ބުންޏެވެ.

"މިގޮތަށް މިއަދު މިމަސައްކަތް ކުރެވެނީވެސް މަންމަ ހުރީމަ، ޑިއުޓީގައި އުޅޭ ވަގުތުތަކުގައި މަންމަ ދަރިފުޅުގެ ހުރިހާކަމެއް ބަލަހައްޓާނީ" އަމްރާ ބުންޏެވެ.

ނަރުހެއްގެ ވަޒީފާއަކީ، އެހެން ވަޒީފާތަކާއި ތަފާތު ވަޒީފާއެކެވެ. ބަލި މީހުންނާއި އެންމެ ގާތުގައި އަބަދުވެސް ތިބޭނީ ނަރުހުންނެވެ. ޚާއްސަކޮށް މިހާލަތުގައިވެސް އެންމެ ބޮޑު ހިއްވަރެއް ކުރަންޖެހެނީ ނަރުހުންނެވެ.

" ދުވަހަކުވެސް ހިއެއް ނުކުރަން މިކަހަލަ ދުވަހަކާއި ކުރިތިލާން ޖެހޭނެ ކަމަކަށް. އެކެއްގެވެސް ޚިޔާލަަކަށް ނާންނާނެ ކަންނޭގެ މިކަމެއް ކުރިޔަކުން." އަމްރާ ބުންޏެވެ.

ޑިއުޓީއަށް ގޮސް ބަލި މީހުންގާތުގައި ޚިދުމަތް ކުރަން ޖެހެނީ ބައެއް ފަހަރު ކާކުކަން ނޭނގޭވަރަށް މަތިމައްޗަށް ހެދުންތައްލައި ނިވާވެގެންނެވެ. ހެޒްމަތު ޝޫޓުތަކާއި ހެޑްކަވަރ މާސްކާއި އެނޫންވެސް ބޭނުންވާނެ ހުރިހާ ސާމާނެއް ހޮސްޕިޓަލުން ފޯރުކޮށްދެއެވެ.

އަމިއްލަ ރައްކާތެރިކަމަށް ކިތަންމެ ގިނަ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރި ނަމަވެސް އެއީ ވައިރަހުން ސަލާމަތްވެ ހުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަމެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން އަމްރާ ފަދައި ރާއްޖޭގެ އެތައް ނަރުހުންނަކާއި ދުނިޔޭގެ އެތައް ނަރުހުންނެއް ޚިދުމަތް ކުރަމުން އެދަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މިހަނގުރާމައިގައި ދުނިޔޭގެ އެކި ކަންކޮޅުން އެތައް ނަރުހުންނެއް ފުރާނައިން ޤުރުބާންވެ ހިނގައްޖެއެވެ. އަމްރާފަދައިން ދިވެހި އެހެން ހުރިހާ ނަރުހުންވެސް ތިބީ އެއް އަޒުމެއްގައެވެ.

ނަރުހުންގެ ދުވަހުގެ ހަދިޔާއަކަށް މިއަދު ނަރުހުން އެދެނީ ތިޔަބޭފުޅުން ގޭގައި ތިއްބެވުމަށެވެ، ބަލި ފެތުރިދާނެ ހުރިހާ ކަމަކާއި ދުރުވެ ތިއްބެވުމަށެވެ. ވައިރަހުގެ އެންމެ ނުރައްކާ ބޮޑީ ނަރުހުން ފަދައިން އަބަދާއި އަބަދުމެ ވައިރަަހަށް ހުށައެޅި ހުށައެޅި ތިބޭ ސިއްޙީ ޚިދުމަތްތެރިންނަށެވެ. އެމީހުންގެ ތެރެއިންވެސް ޚާއްސަކޮށް ނަރުހުންނަށެވެ.

ޅެމަކުން އަމްރާ ބަޔާންކޮށްދިނީ ދިވެހި ނަރުހުންގެ ޝުއޫރެވެ. އެއީ ދަރިންނާއި އާއިލާ ދޫކޮށް މަރުގެ ތުންފަތްމަތިން އެހިނގަނީ ޤައުމާއި ވަޠަނުގެ ހައްޤުގައިކަމެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށް ހިފި އަހުދު ކަށަވަރުގެ މަތީގައިކަމެވެ.