ޚަބަރު

580 ޓަނުގެ ކާބޯތަކެއްޗާއިއެކު އައި މަނަވަރު ބަނދަރުކޮށް މުދާ ބާލަނީ


580 ޓަނުގެ ކާބޯތަކެތީގެ އެހީއާއެކު އައި އިންޑިއާ އަސްކަރީ މަނަވަރު މާލެއަށް ބަނދަރުކޮށް މުދާ ބާލަން ފަށައިފިއެވެ. އެމްޕީއެލްއިން ބުނީ އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ" ވިޔަފާރި ބަނދަރުގައި މިއަދު ހެނދުނު ބަނދަރުކޮށް މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ "އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް"ގެ ދަށުން ސަރަހައްދީ ޤައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެވެ. މި ގޮތުން އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ" ފުރަތަމ އެހީ ހިފައިގެން މިއައީ ރާއްޖެއަށެވެ. އަދި ރާއްޖެއަށް މުދާ ބޭލުމަށްފަހު މި މަނަވަރު އެހީގެ މުދަލައާއި އެކު ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާނެއެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްކަމަށެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ"ގައި އެހީގެ ގޮތުގައި ގެނައި ތަކެތީގެ ތެރޭގައި ކާޑު ބާވަތްތަކުގެ ގޮތުގައި 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރު ހިމެނެއެވެ. މީގެއިތުރުން 120 ޓަނުގެ ރީދޫ މުގާއި 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވިވެސް ހިމެނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓް

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑް އިން ރާއްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓެއް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނެސްދީފައިވަނީވެސް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކުއެވެ.