ވިޔަފާރި

ކޯވިޑް-19 : ސައުދީގައި ވެލިއު އެޑަޑް ޓެކްސް ނަގާ މިންވަރު އިތުރުކޮށްފި


ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް ކުރާ ގެއްލުން ކުޑަކުރަން ސަޢުދީ ޢަރަބިއްޔާގައި ނަގާ ވެލިއުއެޑަޑް ޓެކްސް ނަގާ މިންވަރު ތިން ގުނަ އިތުރުކޮށްފިއެވެ.

ސައުދީގައި ވެލިއުއެޑަޑް ޓެކްސް، ވެޓް ނަގާ މިންވަރު ތިން ގުނަ އިތުރުކޮށްފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ޤައުމުގެ އިޤްތިސާދަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ސައުދީގެ ޤައުމީ ނިއުސް އެޖެންސީން ރިޕޯޓް ކުރިގޮތުގައި ވެޓް ޓެކްސް އިތުރުކޮށްފައިމިވަނީ 5 އިންސައްތައިން 15 އިންސައްތައަށެވެ. އަދި މިބަދަލު ތަންފީޒުކުރަން ފަށާނީ ޖުލައި އެކަކުން ފެށިގެނެވެ. ވެލިއުއެޑަޑް ޓެކްސް ނަގަން ސައުދީން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ތެލަށް އޮންނަ ބަރޯސާ ކުޑަކުުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

އަނެއްކޮޅުން ޤައުމުގެ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން މިވަނީ ސަރުކާރު މުވައްޒަފުންނަށް ދޭ ދިރިއުޅުމުގެ އެލަވަންސްވެސް ޖޫން އެކަކުން ފެށިގެން ދިނުން ހުއްޓާލަން ނިންމާފައެވެ. 2018 ވަނަ އަހަރު ސައުދީގެ ސަރުކާރު މުވައްޒަފުންނަށް ދޭން ފެށި މިއެލަވަންސް އަކީ 1000 ރިޔާދު ނުވަތަ 267 ޑޮލަރުގެ އެލަވަންސެކެވެ. މިއީ ކޮންމެ މަހަކު ދޭ އެލަވަންސެކެވެ. އަދި މިއީ ޕެޓްރޯލްގެ އަގުތައް މަތިވުމާއި، ވެލިއުއެޑަޑް ޓެކްސް ތައަރަފްކުރުމުން އާންމުނަަށް ދިމާވަ ދަތިތަށް ކުޑަކުރުމަށް އެހީތެރިވުމަށް ދޭން ފެށި އެލަވަންސެކެވެ.

ސައުދީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ މިއީ ކޮރޯނާވައިރަސްގެ ސަބަބުން ސައުދީގެ އިޤްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކާ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށެވެ.

ސައުދީން މިފިޔަވަޅުތައް އަޅާނެކަން އިއުލާންކޮށްފައިވާއިރު ޤައުމުގެ ސަރުކާރުގެ ހިންގުމުގެ ހަރަދު ވަނީ ލިބޭ ފައިދާއަށްވުރެ އެތަށް ގުނައެއް ކުޑަވެފައެވެ. އަދި ޤައުމުގެ ބަޖެޓު ވަނީ ފުރަތަމަ 3 މަހުގެ ތެރޭގައި 9 ބިލިއަން ޑޮލަރު ޑެފިސިޓްވެފައެވެ. މިމުއްދަތުގައި ޤައުމަށް ތެލުގެ ވިޔަފާރިން ލިބުނު ފައިދާވެސް ވަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާކިޔާއިރު 34 ބިލިއަން ޑޮލަރު ނުވަތަ، ނުވަތަ ހަތަރު ބައިކޮޅު އެއްބައި ދަށަށް ގޮސްފައެވެ. ތެލުގެ ވިޔަފާރިން މިމުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ 22 އިންސައްތަ ދަށަށް ފޮސްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ސައުދީގެ އިޤްތިސާދަށް ވަނީ ބޮޑު ލޮޅުންތަކެއް އައިސްފައެވެ. އެއީ ދުނިޔޭގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އެހެނިހެން ދާއިރާތަށް ހުއްޓުމަކަށް އައުމުން ދުނިިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑު ދަށަށް ދިއުމުން، ތެޔޮ ސަޕްލައި މާބޮޑަށް އިތުުރުވެ، ސްޓޯރޭޖްނެތި، އަގު އެތަށް ގުނައެއް ދަށްވުމާއިވެސް ގުޅިގެނެވެ. މިގޮތުން ލިބޭ ގެއްލުން ކުޑަކުުރުމަށް ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ އުފައްދާ ޤައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު އެތަށް ގުނައެއް ދަށަށް ގެންދަން ފަށާފައެވެ.