ދިވެހި ރާއްޖޭގެ މުޅި ސިއްޙީ ދާއިރާގެ %50 ޙިއްސާކުރަނީ ނަރުހުންކަމަށާ، މި ދާއިރާ ކުރިއެރުވުމަށް އިތުރަށް އިންވެސްޓްކުރަންޖެހޭކަމަށް މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ބުނެފިއެވެ.
ދިވެހިރާއްޖޭގައި ނަރުހުންގެ ގޮތުގައި މިވަގުތު މަސައްކަތްކުރާ މީހުންގެ ބޮޑު އިންސައްތައަކީ ދިވެހިންނެވެ. ނަރުހުންގޮތުގައި ރާއްޖޭގައި 3636ނަރުހުންދަނީ އެކި ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރަމުނެވެ. މީގެތެރެއިން 2055މީހުންނަކީ ދިވެހި ނަރުހުންނެވެ. އަދި ބޭރު ނަރުހުންގެ ގޮތުގައި 1581ނަރުހުންދަނީ ރާއްޖޭގައި މަސައްކަތްކުރަމުންނެވެ.
ނަރުހުންނަކީ މުޅި ސިއްޙީ ދާއިރާގެ %50 ޙިއްސާކުރާ މީހުންނަށްވާއިރު، މި ދާއިރާ ކުރިއެރުވުމަށް އެކި ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ނަރުހުން ރަޖިސްޓްރީކުރުމާއި، ނަރުހުން ޢަމަލުކުރަންޖެހޭ ވަކި އޮނިގަނޑެއް އެކުލަވާލުމާއި، މުސާރައަށް ހެޔޮ ބަދަލުތައް ގެނައުމާއި އަދި ދާއިރާއިން ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުން ހިނެމެއެވެ.
ބައިނަލްއަޤްވާމީގޮތުން 2020ވަނަ އަހަރު ފާހަގަކުރަނީވެސް ނަރުހުންނާއި ފޫޅުމައިންގެ އަގުވަޒަކޮށް މިދާއިރާ ކުރިއެރުވުމުގެ އަހަރުގެ ގޮތުގައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސް މަރިޔަމް ރަޝީދާ ވިދާޅުވީ، މި ދާއިރާ ކުރިއެރުވުމަށް އަދިވެސް ގިނަގުނަ މަސައްކަތްތައް ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ނަރުހުންގެ ދައުރު ފުޅާކުރުމާއި، ރަނގަޅު މަސައްކަތުގެ މާހައުލެއް ޤާއިމްކޮށް ތަޢުލީމާއި ތަމްރީންދެވޭ މިންވަރުވެސް ހަރުދަނާކުރަންޖެހޭކަމަށެވެ.
"އެތަށް ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާއިރު މުސާރަ ކުޑަވުމަކީ އެންމެ ބޮޑު އެއް ޝަކުވާ. މާޙައުލުގެ ރައްކަތެރިކަމާއި، ނަރުހުންގެ މަސައްކަތަށް ޒަމާނީ ވަސީލަތްތައްވެސް ހޯދަންޖެހޭ. ތަޢުލީމީ ފުރުސަތުވެސް ފުޅާކުރަންޖެހޭ." މަރިޔަމް ރަޝީދާ ވިދާޅުވިއެވެ.
މަރިޔަމް ރަޝީދާ ވިދާޅުވީ މި ދާއިރާ ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްތައް ކުރަންޖެހިފައިވާކަމަށެވެ. މިއީ ހަމައެކަނި ނަރުހުންގެ މަސައްކަތް ތަރައްޤީކުރަން ކުރާ މަސައްކަތެއް ނޫންކަމަށާއި، މުޅި ޤައުމުގެ ސިއްޙީ ނިޒާމުގެ ބޮޑުބައެއް ބިނާވަނީ ނަރުހުންގެ މަސައްކަތަށްކަން މަރިޔަމް ރަޝީދާ ފާހަގަކުރެއްވިއެވެ.
"ނަރުހުންގެ ކަންކަމަށް އިންވެސްޓްކުރުން އިތުރުކުރަންޖެހޭ. މިއީ ޚަރަދެއްނޫން. މިއީ ޤައުމެއް ބިނާކުރުން. މުޅި ދާއިރާގެ %50 މީހުންނަނީ ނަރުހުންކަމަށްވާއިރު، ނަރުހުންގެ މަސައްކަތުގެ ފެންވަރު ރަނަގަޅުކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ މުޅި ޤައުމުގެ ސިއްޙީ ނިޒާމަށް އެޅޭ ފިޔަވަޅެއް." މަރިޔަމް ރަޝީދާ ވިދާޅުވިއެވެ.
ނަރސިންގ ކައުންސިލްގެ ރައީސް މަރިޔަމް ރަޝިދާ ވިދަޅުވީ ސިއްޙީ ދާއިރާގެ ކަންކަން ނިންމުމުގައި ނަރުހުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ މިންވަރު މަދުކަމަށެވެ. ޕޮލިސީތަކާއި ޤަވައިދުތައް ހެދުމާއި ސިއްޙީ ނިޒާމުގެ ކަންކަން ނިންމުމުގައި މިހާރަށްވުރެ ބޮޑަށް ނަރުހުންގެ ޚިޔާލު ހޯދަންޖެހޭކަން މަރިޔަމް ރަޝީދާ ހާގަކުރެއްވިއެވެ.
ނަރސިންގ ކައުންސިލަކީ ނަރުހުން ރެޖިސްޓްރީކުރުމާއި، ލައިސަންސްދިނުމާއި، އަދި ނަރުހުންނާއި ގުޅިގެން ނިންމާ ނިންމުންތަކުގައި އެންމެ އިސް ދަޢުރެއް އަދާކުރާ ފަރާތެވެ.