ސިއްހަތު

ޓްރީޓޮޕް ހޮސްޕިޓަލާއެކު ސިއްޙީދާއިރާއަށް ބޮޑު އިންގިލާބެއް


ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލާއެކު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް، ޓްރީ ޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޑެޓުން ބުނެފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގެ ސިއްޙީ ދާއިރާއަށް އަމިއްލަ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން މުޅި މި ޕްރޮޖެކްޓަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެކަމަށް އެކުންފުނިން ބުނެއެވެ.ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 170 އެނދުގެ ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ، ޓާރމެކްސްއާއެވެ. އަދި ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ސިއްޙީ ޙިދުމަތް ދިނުމުގައި ހަރަކާތްތެރިވަމުންދާ ކުންފުންޏެއްކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ.ޓަރޝަރީ ފެންވަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލުގައި ބަލިތަކުން ސަލާމަތްވުމަށާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އަހުލުވެރިކުރުމަށް ހެލްތް ސްކްރީނިންގ ސެންޓަރެއްވެސް ޤާއިމުކުރެވިގެންދާނެއެވެ. އަދި މި ހޮސްޕިޓަލުން ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ހޮސްޕިޓަލްތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެވިގެންދާނެކަމަށްވެސް ޓްރީޓޮޕް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޑެޓުން ބުނެއެވެ.

މި ހޮސްޕިޓަލުން އާއްމު އެހެން ހޮސްޕިޓަލުތަކުން ދެވޭ ހުރިހާ ޚިދުމަތެއްގެ އިތުރުން، ސުޕަރ ސްޕެޝަލިޓީ ޚިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލިތަކުން ސަލާމަތްވުމަށާއި، ހެޔޮހާލުގައި ހުރުމަށް އާއްމުން އަހުލުވެރިކުރުމަށް ހެލްތް ސްކްރީނިންގ ސެންޓަރެއްވެސް ޤާއިމުކުރެވިގެންދާނެއެވެ. އަދި ރާއްޖޭން ބޭރުގައި ހުރި ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާއި ގުޅިގެން ސަބް-ސްޕެޝަލައިޒްޑް ޚިދުމަތް ބޭނުންވާ ބަލިމީހުންނަށް އެފަދަ ޚިދުމަތްތައްވެސް މި ހޮސްޕިޓަލުން ދެވިގެންދާނެއެވެ. އެގޮތުން ކެންސަރަށް ފަރުވާކުރުމުގައި މައިގަނޑު ފަރުވާ ރާއްޖޭން ބޭރުން ކުރުމަށްފަހު، ރާއްޖޭގައި ހުރެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ކީމޯތެރެޕީ ފަދަ ފަރުވާދެވޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

2 އިމާރާތުގެ މައްޗަށް އެކުލެވޭ ޓްރީ ޓޮޕް ހޮސްޕިޓަލަކީ، 6 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ. މިތަން ނިމިގެންދާއިރު، މިތަނުގައި ސްޓޭންޑްބައި ޖަނަރޭޓަރާއި، ރެސްޓޯރަންޓާއި، 6 ފަންގިފިލާގެ އެކޮމަޑޭޝަން ބްލޮކްތައް ހިމެނޭނެ ކަމަށާއި، މި ދެ އިމާރާތްވެސް ހުންނާނީ އެއާރކޮންޑިޝަން ކުރެވިފައިކަމަށް ޓްރީޓޮޕް އިންވެސްޓްމަންޓްސުން މައުލޫމާތުދެއެވެ.މިދިޔަ އޭޕްރީލްމަހު ޓްރީ ޓޮޕް ހޮސްޕިޓަލު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ހޮސްޕިޓަލް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2016 ގައެވެ. އަދި ހޮސްޕިޓަލް ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ 1 މާޗު 2017 އެވެ.