ފަސް އަހަރުދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއަށް ގިނަ ޢަދަދެއްގެ ނަރުހުން ނެރެވޭނަކަމަށް ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނައިސިންގއިން ބުނެފިއެވެ.
ދިވެހިރާއްޖޭގައި މިވަގުތު މަސައްކަތްކުރާ ނަރުހުންގެ ތެރެއިން %43 ނަރުހުންނަކީ ބިދޭސީ ނަރުހުންނެވެ. މިދާއިރާގައި ދިވެހި ނަރުހުން މަސައްކަތްކުރާ މިންވަރު އިތުރުކުރުމަށް، ދިވެހި ނަރުހުން ތަމްރީންކޮށް ދާއިރާއަށް ނެރުމަށްދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ނަރުހުން ތަމްރީކޮށް ސިއްޙީ ދާއިރާއަށް ނެރުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިންއިންނެވެ.
އެމްއެންޔޫގެ ސްކޫލް އޮފް ނަރސިން ވަކި ފެކަލްޓީއެއްގެ ގޮތުގައި ހިންގަން ފަށާފައިވަނީ 2018ވަނަ އަހަރުއެވެ. ސްކޫލް އޮފް ނަރސިންގެ 4ކޯހެއް ހިންގަމުންއަންއިރު، މިހާރުވެސް 1162ދަރިވަރުން ދަނީ ނަރުހުންގެ ގޮތުގައި ތަމްރީންހޯދަމުންނެވެ. މީގެތެރޭގައި ހިމެނެނީ މާސްޓަރސް އޮފް ނަރސިންގައި ކިޔަވާ 72 ދަރިވަރުންނާއި ބެޗެލަރސް އޮފް ނަރސިންގ ކިޔަވާ 316 ދަރިވަރުންނާއި، ޑިޕްލޮމާއިން ނަރސިންހަދާ 575 ދަރިވަރުންނާއި، އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގައި ކިޔަވަމުންދާ 199 ދަރިވަރުންނެވެ.
ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ސްކޫލް އޮފް ނަރސިންގެ ޑީން އާސިޔާ އިބްރާހީމް ވިދާޅުވީ ނަރސިން ސްކޫލްގެ ހުރިހާ ކޯސްތަކަކީވެސް ވަރަށް ޑިމާންޑް ބޮޑުކޮށް، އޮންނަ ކޯހެއްކަމަށެވެ. ކޮންމެ އަހަރަކުވެސް ކޯސްތަކަށް ހުޅުވާލުމުން އެންމެ އަވަހަށް ޖާގަ ފުރޭ ކޯހަކީވެސް ނަރުސްކަން ކިޔެވުމަށް ހުޅުވާލާ ކޯސްތަކެވެ.
ވަކި ޕްރޮފެޝަންއެއްގެ ގޮތުގައި ކިޔަވާ މި ކޯހަށް ގިނަ ކުދިންތަކެއް ވަނުމަށް އެދެމުން އަންނައިރު، އެޢަދަދަށް ޖާގަ ނުހުންނަކަން އާސިޔާ އިބްރާހީމް ވަނީ ފާހަގަކުރައްވާފައެވެ. އާސިޔާ ވިދާޅުވީ މި ދާއިރާއިން ގިނަ ކުދިންތަކެއް އެއްފަހަރާ ނުނެރެވޭ އެންމެ ބޮޑު ސަބަބަކީ ކުދިންގެ ޕްރެކްޓިކަލް ކްލާސްތައް ކުރިއަށްގެންދެވޭނެ ހޮސްޕިޓަލްތައް މަދުވުމުންކަމަށެވެ.
"އަަބަބަދުވެސް ހަމަ ނެގޭ އެންމެ ގިނައަކުން މިދަނީ ކޯހަށް ކުދިން ނަގަމުން. އެޑްވާންސްއާއި ޑިޕްލޮމާ ކޯސްތަށް ވަރަށް އަވަހަށް ފުރޭ. ކޮންމެ ޓާމެއްގައި 14ހަފްތާ ކިޔަވާއިރު 7-8 ހަފްތާއަކީ ކުދިން ޕްރެކްޓިކަލްގައި ހޮސްޕިޓަލްގައި މަސައްކަތްކުރާ ދުވަސްތައް. ގިނަ ކުދިން ނަގައިފިއްޔާ ޕްރެޓިކަލް ކްލާސްތައް ނަގައެއް ނުދެވޭނެ." އާސިޔާ ވިދާޅުވިއެވެ.
މާލޭގައި ހުންނަ ނަރސިންގ ސްކޫލްގެ އިތުރަށް ހދ.ކުޅުދުއްފުށި، ލ.ގަން، ގދ.ތިނަދޫ ކެމްޕަހާއި، ރ.އުނގޫފާރުގައި ހުންނަ އެމްއެންޔޫ އައުޓްރީޗް ސެންޓަރުގައި ދަނީ ނަރުސްކަން ކިޔަވައިދެމުންނެވެ. މާލޭގެ އައިޖީއެމް ހޮޕިޓަލްގެ އިތުރަށް، ކެމްޕަސްތައް ހުންނަ ރަށްތަކުގެ ހޮސްޕިޓަލްތަކުގައި ދަރިވަރުންދަނީ ޕްރެކްޓިކަލް ކްލާސްތައް ނަގަމުންނެވެ. އާސިޔާ ވިދާޅުވީ އެއްފަހަރާ ގިނަ ޢަދަދެއްގެ ނަރުހުން ދާއިރާއަށް ނެރުމަކީ ދަތި ކަމެއްކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 5 އަހަރަށް ބަލާއިރު ގިނަ ނަރުހުންތަކެއް ދާއިރާއަށް ނެރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު އަހަރަކު މިކިޔަވާ ނިމެނީ 100-150ކުދިން. ހަގީގަތުގައި މިވާގޮތަކީ ގިނަކުދިން މިއުޅެނީ ކޯހުގެ އެކި ލެވަލްތަކުގައި. އެއީ އެޑްވާންސް ނިންމާކުއްޖާ ޑިޕްލޮމާއަށް، ޑިޕްލޮމާ ނިންމާ ކުއްޖާ ޑިގްރީއަށް އަދި އެއަށްފަހު މާސްޓާރސްއަށް ކިޔަވަންފަށަނީ. މި ބެޗުތަކުން 5އަހަރު ފަހުން ބޮޑު އަދަދަކަށް ނަރުހުން ނިކުންނާނެ ދާއިރާއަށް." އާސިޔާ ވިދާޅުވިއެވެ.
އެމްއެންޔޫއާއި ބޭރުގެ ޔުނިވަރސިޓީއަކާއެކު ހަދާފައިވާ އެއްބަސްވުމެއްގެދަށުން 8 ނަރުހަކުދަނީ މި ދާއިރާއިން ޕީއެޗްޑީ ޙާސިލްކުރަމުންނެވެ.
ސްކޫލް އޮފް ނަރސިންގެ ޑީން އާސިޔާ އިބްރާހީމް ފާހަގަކުރެއްވިގޮތުގައި މިދާއިރާ މީހުންނަށް އިނގިފައި އޮންނަނީ ވަރަށް ހަނި ދާއިރާއެއްގެ ގޮތުގައެވެ. ގިނަ މީހުންގެ ވިސްނުމަކީ ނަރުހުން ހަމައެކަނި މަސައްކަތްކުރަން ޖެހެނީ ހޮސްޕިޓަލުގައިކަން ކަމަށް އާސިޔާވަނީ ވިދާޅުވެފައެވެ.
"ހޮސްޕިޓަލްތަކުގައި ބަލިމީހުން ބަލަން އެކަންޏެއް ނޫން ނަރުހުން ބޭނުންވަނީ. އެއަށްވުރެ މާ ފުޅާ ދާއިރާއެއް މިއީ. ހޮސްޕިޓަލްގެ އެކި ޑިޕަރޓްމަންޓްތަކާއި، ހެލްތް އިންޝުއަރެންސްއާ، އާއްމު ސިއްޙަތުގެ އެކި ދާއިރާތަކުގައި ނަރުހުންނަށް ފުރުސަތު އެބައޮތް." އާސިޔާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ މި ޙާލަތުގައިވެސް ނަރސިންގ ސްކޫލްގެ ގިނަ ދަރިވަރުންދަނީ އަމިއްލަ އިސްނެގުމުގައި އެހީތެރިވަމުންނެވެ.