ޚަބަރު

ކޯވިޑް-19 : "އެންމެ ގޯސް ޙާލަތު އައިސްފިނަމަ، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމެއް ނުހުޅުވޭނެ"


ކޯވިޑް-19ގެ އެންމެ ގޯސް ޙާލަތު ރާއްޖެއަށް އައިސްފިނަމަ، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ނުހުޅުވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާނީ މިޙާލަތުގައި ކޯވިޑް-19އިން ސަލާމަތްވުމަށް އިރުޝާދުދެއްވަމުންދާ ސިއްޙީ މާހިރުން ލަފާދެއްވުމުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ލިބޭ އާމްދަނީއެއްގެ ބޭނުމުގައި މިޙާލަތުން އަރައިނުގަނެވެނީސް ރާއްޖޭގެ ބޯޑަރުތައް ނުހުޅުވާނެކަމަށާ، ސަރުކާރުން މަސައްކަތްކުރަމުންދަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު މަޑުމަޑުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްކަމަށެވެ.

މިހާރުވެސް ރާއްޖެއަނަން ބޭނުންވާ އެތައް ހާސް ބަޔަކުތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ އެންމެ ގޯސް ޙާލަތަށް ރާއްޖެ ދިޔަނުދީ ހިފެހެއްޓުމަށްކަމަށެވެ. އެގޮތުން ރާއްޖޭގެ ހާލަތު ސީރިއަސްވެއްޖެނަމަ ފަތުރވެރިކަމުގެ ސިނާޢަތް މިއަހަރު ނުހުޅުވޭނެކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ޢަލީވަޙީދު ވިދާޅުވިއެވެ.

"ވާސްޓްކޭސް ސިނާރިއޯގައި، އެންމެ ގޯސްޙާލާތަކަށް ހިންގައްޖެނަމަ މިއަހަރު ރާއްޖޭގެ ބޯޑަރެއް އަޅުގަނޑުމެންނަށް ހުޅުވައެއްނުލެވޭނެ. މާނައަކީ އިތުރަށް ފަތުރުވެރިކަމެއް މިއަހަރު ކުރިއަކަށް ނުގެންދެވޭނެއޭ. އެހެންވީމަ އަޅުގަނޑުމެންގެ ރާއްޖެ މިއޮތް ނާޒުކުކު ޙާލަތު ހުރިހާ ރައްޔިތުންވެސް ވިސްނަން އެބަޖެހޭ. އެހްންވީމާ މިލޮޖްޑައުންގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން އެބަބޭނުންވޭ" މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެެވެ.

މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ޙާލަތު ރަނގަޅުވެއްޖެނަމަ ފަތުރުވެރިކަން ހުޅުވާލެވޭނީ އަންނަ ޖުލައިމަހު ކަމަށާ، ޖުލައިމަހަށް ޙާލަތު ރަނގަޅުނުވާނަމަ އޮކްޓޫބަރު މަހު، ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔާނެކަމަށް މިނިސްޓަރ ދެކެވަޑައިގަންނަވައެވެ. އެހެން ނަމަވެސް އެންމެ ގޯސްހާލަތު އައިސްފިނަމަ ރާއްޖޭގެ ފަތުރުވެރިކަން މިއަހަރަށް ނުހުޅުވިއްޖެނަމަ ވަރަށް ބޮޑު ނިކަމެތިކަމަކާ ރާއްޖެ ކުރިމަތިލާން ޖެހިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަން ދެނެތިބެ ސަރުކާރާއި، ގުޅުހުރި އިދާރާތަކުން މަސައްކަތްކުރަނީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށްކަމަށާއި، އުންމީދަކީ ރާއްޖެއަށް އެންމެ ގިނަ އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ސިނާޢަތް ވީއެންމެ އަވަހަކަށް ހުޅުވޭނެމަގުފަހިވުންކަމަށް މިނިސްޓަރ އަލީވަހީދު ވިދާޅުވިއެވެ.