ޚަބަރު

ކޯވިޑް-19 : ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ލިބުނު ނަތީޖާތައް ނެގެޓިވް


ޖަލުތަކުގައި ކޯވިޑް-19ގެ ބަލިމަޑުކަން އޮތްތޯ ދެނެގަތުމަށް މިހާތަނަށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ހޯމް މިނސިްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުން މިހާތަނަށް 38 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް 22 ސާމަޕަލްގެ ނަތީޖާ ލިބިފައިވާކަމަށާ، އެ ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ.

ކޯވިޑް-19އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގެ ބަލި ފެތުރެމުންދާއިރު މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައި ޙާލަތު ދެނެގަތުމަށް ދިރާސާއެއްވެސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޖަލު ފަދަ ތަންތަނުންވެސް ރެންޑަމް ސާމްޕަލްތައް ނަގަން ފަށާފައިވަނީ މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ އޭސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.