ޚަބަރު

އިންޑިއާގައި ނާދެވިތިބި 50 ދިވެހިން ރާއްޖެ ގެނެސްފި


ފުރަބަންދާއި ގުޅިގެން އިންޑިއާއިން ރާއްޖެ ނާދެވިތިބި 50 ދިވެއްސަކު މިއަދު މޯލްވިޑިއަންގެ ފްލައިޓުގައި ރާއްޖެ ގެނެސްފިއެވެ.

އިންޑިއާގައި ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެދަށުން، މިއަދު މީހުން ގެނެސްފައިވަނީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރި ފްލައިޓުގައެވެ. ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި، ފުރަބަންދާ ގުޅިގެން ފްލައިޓްތައް ހުއްޓާލާފައިވާތީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި މޯލްޑިވިއަން ގުޅިގެންދަނީ އެކި ޤައުމުތަކުގައި ތާށިވެފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު މިހާތަނަށް ރާއްޖެ ގެނެސްފައިވަނީ މިއަދު ރާއްޖެ ގެނައުމަށް ހަމަޖެހހިފައިވާ 234މީހުންގެ ތެރެއިން 50މީހުންނެވެ. އިންޑިއާގައިތިބި މީހުން ގެނައުމަށް 2 ފްލައިޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި އިންޑީއާގެ 16 ސިޓީއެއްގައި ތިބި ދިވެހިން ގެނައުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ ހިމެނެއެވެ. މި މީހުން ރާއްޖެ އައުމަށްޓަކައި ފުރަނީ ދިއްލީ އަދި ޓްރިވެންޑްރަމް މަގުންނެވެ.

މި ފްލައިޓުގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އެނބުރި އަންނަން އުޅެ ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިނވަނީ އައިސްފައެވެ.

މިއަދު ރާއްޖެއައި އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ. މިގޮތަށް އިންޑިއާގައި ނާދެވިތިބި ގިނަ ބަޔަކު މީގެ ކުރިންވެސް މޯލްޑިވިއަނުންވަނީ ގެނެސްފައެވެ.