ޚަބަރު

ކޯވިޑް-19 : 5000 އަށް ވުރެ ގިނަ މީހުން މާލެެއިން ފުރުމަށް އެދިފައިވޭ


ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދު ފުބަންދުކޮށްފައިވާ މިޙާލަތުގައި މާލެއިން ފުރައިގެން އެކި ތަންތަނަށް ދިއުމަށް ޖުމުލަ 5000 އަށް ވުރެ ގިނަ މީހުން އެދިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، މާލޭގައި މިވަގުތު ދިރިއުޅެމުންދާ މީހުންގެ ތެރެއިން 5000 އެއްހައި މީހުން އެކި ތަންތަނަށް ފުރައިގެން ދާން ބޭނުންވެގެން އެކަން ހުށަހަޅާފައިވީނަމަވެސް ސަރުކާރުން އެދެނީ މި ދުވަސްވަރު އެއްވެސް މީހަކު އެއްވެސް ތަނަކަށް ދަތުރު ނުކުރުންކަމަށެވެ. މިވަގުތު އޮތް ޙާލަތުގައި އެންމެ ރައްކާތެރިގޮތަކީ އެއީކަން ޤަބޫލުކުރަންޖެހޭކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން މިވަގުތު ރަށަށްދިއުމަށް ގިނަބަޔަކު އެދެމުންދާކަމަށާ، އެގޮތަށް މީހުން ފޮނުވާނީ މެނޭޖް ކަރަންޓީނެއްގައި ވަކި މުއްދތަކު އެމީހުން ބެއިތިއްބުމަށްފަހުކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ރަށްރަށުގައި މިވަގުތު ތިބި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށްދާ މީހުން ރަށަށް ދިއުމުގެ ކުރިން 14 ދުވަހު ކަރަންޓީންކުރުމަށް މާލެ ސަރަހައްދުން ކޮޓަރިތަކެއް ހޯދަމުންދާކަމަށާ، އެކަމަށް ޚާއްސަކޮށްގެން ހުޅުމާޅޭގެ ގެސްތްހައުސްތަކުން 500 ކޮޓަރި މިހާރުވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މާލޭގައި މިބަލިމަޑުކަން މިގޮތަށްއޮއްވާ ރަށްރަށަށް ދިއުމަކީ ރައްކާތެރިކަމެއްނޫން. އެހެން ނަމަވެސް ޒަރޫރީ ހަލަތްތައް ކުރިމަތިވެފައިވާ އެތައް ރައްޔިތުންނެއް ތިބުމުން މި ޕްރޮސެސްވެސް އަޅުގަނޑުމެން ކުރިއަށްގެންދާނަން، މެނޭޖް ކަރަންޓީންއެއްގައި ކަރަންޓީންކުރުމަށްފަހު." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް އެކިކަހަލަ ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. ރަށްރަށުގެ ކައުންސިލްތަކުން އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުން މާލެއިން ރަށްރަށަށް ފުރަން ބޭނުންވާ މީހުންނަށް ފުރޭގޮތް ހަމަޖައްސައިދޭން ސަރުކާރުން މަސައްކަތްކުރިނަމަވެސް މިވަގުތު އެކަމަށް ދަތިތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރަށަށްދާން އެދިފައިވާ 5000 މީހުންގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަރަންޓީންކުރާނީ ބޭސްފަރުވާއަށް މާލެއައިސްތިބި މީހުންނާއި، އެންމެ ޒަރޫރީ ބޭނުމަށް ޖެހިފައިވާ މީހުންކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އަދި މީހުން ރަށްރަށަށް ފޮނުވާލުމުގެ ކުރިން މުހިންމުކަންތައްތަކަށް ބަލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެބޭފުޅުން ވާންޖެހޭނީ ވަރަށް ޚާއްސަ ހާލަތެއްގައި، ނުވަތަ 1 އޭޕްރީލްގެ ފަހުން މާލެވަޑައިގެންނެވި ބޭފުޅުންނަށް ނޫންނަމަ ލޮކްޑައުން ވުމުންގެ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސްކުރިން. އޭގެ ކުރިއަށްނަމަ އޭގެ މާނައަކީ އަޅުގަނޑުމެން ވަކިވަކިން ބަލާނަމޭ، ވަރަށް ޚާއްސަ ހާލަތެއްވެސް އޮވެދާނޭ، އޭރުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ އެހާލަތުގައި ޟަރޫރީ ބޭނުމެއްގައި ދާންޖެހިފައި ހުރެދާނެއޭ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ދެ ވަޒީރުންވެސް ވަނީ ރަށްރަށަށް ފޮނުވަނީ އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާމީހުންތޯ ޔަގީންކުރުމަށް ކައުންސިލްތަކުން މަސައްކަތްކޮށްދިނުމަށް އެދިލައްވާފައެވެ. އަދި ކައުންސިލްތަކުން އެކަން ކުރަން ސަރުކާރުން އެދެނީ މިކަމުގައި ބޭއިންސާފުން ކަންކަން ކުރެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ ބިރައްޓަކައި ކަމަމަށެވެ. މިކަމުގައި ހުރިހާ ރައްޔިތުންވެސް އިޚްލާސްތެރިވުމަށާއި، ބަލިން ރައްކާތެރިވެ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ރަށްރަށް ދެވޭނެގޮތަށް މިވަގުތުހުރި މަދު ކަރަންޓީން ފެސިލިޓީސްތައް ބޭނުންކުރުން މުހިންމުކަމުގައި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރިސޯޓުތަކުންވެސް މިވަގުތު 600 އެއްހާ މުވަައްޒަފުންވެސް ރަށަށްދާން އެދިފައިވާކަމަށާއި، އެމީހުން މާލެ ނުގެނެސް އަމިއްލަ ރަށަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތަށް ގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށް ވިދާޅުވިއެވެ.