ޚަބަރު

ކޯވިޑް-19 : ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 202 މީހުން އަނބުރާ ޤައުމަށް ފުރައިފި


ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އިތުރު 202 މީހުން އަނބުރާ ޤައުމަށް ފުރައިފިއެވެ.

މިމީހުން ފުރުވާލާފައި ވަނީ މިއަދު ހަވީރު ހަތަރުގަޑި ތިރީހުގައި ފުރި އިންޑިއާގެ މަނަވަރު "އައިއެންއެސް މަގަރް"އިންންވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ، މި ދަނޑިވަޅުގައި އިންޑިއާގެ 1800 މީހަކު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިފަހަރު 202 މީހަކު ގެންދިއުމަށް ނިންމާފައި ވާކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ދިވެހި ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އިންޑިއާ ހައިކޮމިޝަނުން ވަނީ، މިފަހަރު އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށެވެ.

އިނޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް މަގަރް"ގައި ރާއްޖެއިން ފުރި އިންޑިއާގެ ރައްޔިތުން ފުރުވުމުގެ ކުރިން ކޯވިޑް-19އަށް ވަނީ ޓެސްޓު ކޮށްފައެވެ. އަދި އެމީހުން ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެންދިޔައިރުވެސް އިޖުތިމާޢި ގައިދުރުކަން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ވަނީ ދީފައެވެ. އެމީހުން ރާއްޖެއިން ފުރާފައިވަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓް

އިންޑިއާގެ 202 ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގަިއ ތިބި އިންޑިއާގެ 698 ރައްޔިތަކު ވަނީ އިންޑިއާއަށް ފޮނުވާލާފައެވެ. އެންމެ ފުރަތަމަ އިންޑިއާގެ މަނަވަރު "އައިއެންއެސް ޖަލާޝްވާ"ގައި އިންޑިއާ ގެންދިޔަ ރައްޔިތުން މިހާރު ވަނީ އިންޑިއާގެ ކޮޗީއަށް ފޯރާފައެވެ.