ޚަބަރު

ކޯވިޑް-19 : އިންޑިއާއިން 515 މެޓްރިކް ޓަނުގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދެނީ


ކޯވިޑް-19ގެ މިޙާލަތުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ 580 ޓަނު، މިމަހުގެ 12ވަނަ ދުވަހު ރާއްޖެ ގެންނާނެކަމަށް އިންޑިއާއިން ހާމަކުރައްވައިފިއެވެ. މީގެ ކުރިންވެސް އިންޑިއާއިން ވަނީ ބޭހާއި ކާޑުގެ ބާވަތްތައް އެކި ފަހަރުމަތިން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވަނީ މިދަތި ޙާލުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

މިދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ކޮންމެ އެހީއެއްވެސް ފޯރުކޮށްދިނުމުގައި އިންޑިއާއިން އަބަދުވެސް އެހީވާނެކަމުގެ ޔަޤީންކަން ހައި ކޮމިޝަނަރ ދެއްވިއެވެ. އިންޑިއާގެ ހައި ކޮމިޝަނަރ ވަނީ މިދަނޑިވަޅުގައި ރާއްޖެއިން އިންޑިއާއަށް ޒަރޫރީ ކާބޯތަކެޗަށް އެދިފައިވާއިރު، މި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހު ފޮނުވާ އެހީގެ ޝިޕްމަންޓް ގުޅިފައިވަނީ އޭޕްރިލް މަހުގެ 20ވަނަ ދުވަހު ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ދެބޭފުޅުންގެ ދެމެދުގައި ފޯނު މެދުވެރިކޮށް ކުރެވުނު މަޝްވަރާއާއެވެ. އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ"ގައި ގެންނަ ޝިޕްމަންޓްގައި ހިމެނޭނީ، 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު ، 120 ޓަނުގެ ރީދޫ މުގު، 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވިއެވެ.

"އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީ ވާނަން. އަބަދުވެސް މިކަމުގައި ދެމި ތިބޭނަން. މި ދަނޑިވަޅުގައި ޒަރޫރީ ކާބޯތަކެތި 515 މެޓްރިކްޓަނުގެ އެހީ މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެންނާނަން. މީގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން އަލުތްވާއި ފިޔާ ހިމެނޭ. މިއީ ދިވެހި ރައްޔިތުންނަށް އިންޑިއާއިން ދޭ ރޯދަ ހަދިޔާއެއް"

ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ "އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް"ގެ ދަށުން ސަރަހައްދީ ޤައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެވެ. އެގޮތުން އައިއެންއެސް ކޭސަރީ ފުރަތަމަ ދިވެހިރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެއެވެ.
އިންޑިއާއާއި ދިވެހިރާއްޖެ އެއްބަސް ވާގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާއި މިބަލިމަޑުކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން އަރައިގަތުމުގެ އެންމެ ފުރިހަމަ ސްޓްރެޓެޖީއަކީ ސަރަހައްދީ ޤައުމުތަކުން އަތްގުޅާލައިގެން އެކުގައި މަސައްކަތް ކުރުމެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެގޮތުގައި ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ސިފަކުރެއްވިއެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި، ވޫހާންގައި ތާށިވެފައިތިބި ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް ގެނެސްދިނުމާއި، ކޯވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި ޢިލްމު ޙިއްސާކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އެހީއަށް ބޭނުންވެ ގޮވާލާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އިޖާބަދީ އެހީވާ ރަހްމަތްތެރިޔާއަކީ އިންޑިއާއެވެ.