ޚަބަރު

ކޯވިޑް-19 : އިންޑިއާގެ އިތުރު 200 މީހުން އަނބުރާ ގެންދިއުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 200 މީހުން އަނބުރާ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. މީގެ ކުރިން ރާއްޖެއާއި އިންޑިއާ ސަރުކާރު ގުޅިގެން އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށްދާން ބޭނުންވާ 698 މީހަކު ވަނީ އިންޑިއާއަށް އަނބުރާ ފޮނުވާލާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، މި ދަނޑިވަޅުގައި އިންޑިއާގެ 1800 މީހަކު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ހަތަރު ބުރަކަށް ބަހާލައިގެން މި މީހުން އަނބުރާ ފޮނުވާލުމަށް ނިންމާފައިވާއިރު، މިއަދި ފޮނުވާލުމަށް ހަމަޖެހިފައިވަނީ 200 މީހުންކަމަށް އިންޑިއާގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން މި މީހުން އަނބުރާ ގެންދިއުމަށް ރާއްޖެއަންނަނަނީ އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް މަގަރް"ކަމަށް އިންޑިއާ ސަފީރު ވިދާޅުވިއެވެ. މި މަނަވަރު މިއަދު ހަވީރު ހަތަރު ގަޑި ތިރީހުގައި ފުރުމަށް ހަމަޖެހިފައިވާއިރު، މ މަނަވަރުގައި އަނބުރާ ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ކަސްޓަމްސް ކްލިއަރެންސްއާއި ކުރިން އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެންދަން ފަށާފައެވެ.

ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރުވެސް އަނބުރާ މީހުން ގެންދިއުމުގައި އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށް ވިދާޅުވެފައެވެ. އެހެން ޤައުމުތަކުން އިންޑިއާއަށް އެނބުރި އަންނަ ރައްޔިތުން ފަދައިން މި ރައްޔިތުންވެސް އެނބުރި ޤައުމަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓް

ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 200 މީހުން އަނބުރައި ގެންދިއުމުގެ މަސައްކަތް ފަށައިފައިވާއިރު، އެންމެ ފުރަތަމަ އިންޑިއާގެ މަނަވަރު "އައިއެންއެސް ޖަލާޝްވާ"ގައި އިންޑިއާ ގެންދިޔަ ރައްޔިތުން މިހާރު ވަނީ އިންޑިއާގެ ކޮޗީއަށް ފޯރާފައެވެ.