ޚަބަރު

ކޯވިޑް-19 : މެޑްޓެކް އިން 18 ވެންޓިލޭޓަރ ރާއްޖެ ގެނެސްފި


ސަރުކާރުން މެޑްޓެކް މޯލްޑިވްސްއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

މި ވެންޓިލޭޓަރުތައް ގެނެސްފައިވަނީ ސްރީ ލަންކަން އެއާލައިންސްގެ ކާގޯ ފްލައިޓެއްގައި، އެ އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 18 ވެންޓިލޭޓަރުގެ އިތުރުން މި ވަގުތަށް ކޮންމެހެން ބޭނުންވާ މެޑިކަލް ސާމާނު ވެސް މިއަދު ގެނެސްފައިވާކަމަށެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފައިވަނީ 14 މިލިއަން ރުފިޔާއަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

ކޯވިޑް-19 އާ ގުޅިގެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދެން ހަވާލުކޮށްފައިވަނީ "ނާޑް"ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް ގެންދެވޭ 6 ވެންޓިލޭޓަރާއި 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މިވެންޓިލޭޓަރުތައް ގެނައުމަށް 8.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ މެދުވެރިކޮށް ވެސް ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޖަމްއިއްޔާ މެދުވެރިކޮށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން 75 ވެންޓިލޭޓަރު ގެނައުމަށް ނިންމާފައިވާ ކަމަށާއި މިވެންޓިލޭޓަރުތަކަށް 34 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އައިސީޔޫގައި ބަހައްޓާ 65 ސްޓޭޝަނަރީ ވެންޓިލޭޓަރާއި، ދަތުރުމަތީގައި ބޭނުންކުރާ 10 ވެންޓިލޭޓަރެވެ. އަދި ބޭރުގެ އެކި ފަރާތްތަކުން 28 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާ ކުރާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ޔުނިސެފުން 3 ވެންޓިލޭޓަރު، ވޯލްޑް ބޭންކުން 18 ވެންޓިލޭޓަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން 4 ވެންޓިލޭޓަރު، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން 3 ވެންޓިލޭޓަރު ހަދިޔާކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކޯވިޑް-19ޖެހި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ 151 ވެންޓިލޭޓަރަށް 56.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ސަރުކާރުގެ އަމާޒަކީ މި ބައްޔަށް ފަރުވާ ދިނުމަށް ޖުމްލަ 200 ވެންޓިލޭޓަރު ގެނައުމެވެ. އެގޮތުން ބާކީ ހުރި ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދިއުމާއި ގިނަ ޤައުމުތަކެއްގައި ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމުން ރާޢްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ.

މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރެވެ. އަދި މިހާތަނަށް 6 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރެއިން 4 ވެންޓިލޭޓަރު ޚާއްޞަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމަށެވެ. 6 ވެންޓިލޭޓަރު ގެނައުމަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.