ޚަބަރު

ކޯވިޑް-19 : ގެއާއި ގެއިން ބޭރުގަޔާއި ކުރީ ސަފުގައި ޙަރަކާތްތެރިވާ މަންމައިންނަށް ސާބަސް


މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެއެވެ. ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށް އަންނަ އާދިއްތަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަގައި އެހެން އަހަރުތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރިނަމަވެސް ކޯވިޑް 19 އާއި ގުޅިގެން މިއަހަރު މިދުވަސް ފާހަގަކުރުމަށް މިވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް މިހިތްދަތި ދަނޑިވަޅުގައި އަމިއްލަ ދަރިންނާއި ދުރުގައި ތިބެ މުޅި އިންސާނިއްޔަތަށްޓަކާ މަސައްކަތްކުރާ މަންމައިންނާ ގޭގައި ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުންދާ މަންމައިންގެ އަގުވަޒަންކުރުމަކީ މުހިއްމުކަމެކެވެ. އަދި ކޯވިޑް 19ގެ މިޙާލަތުގައިވެސް މަންމައިން ދައްކަމުންދާ ލާމަސީލު ނަމޫނާއާއި ނުގުޑާ އަޒުމަކީ ކޮންމެހެންވެސް ފާހަގަ ކުރަންޖެހޭކަމެކެވެ.

އެގޮތުން ލޮލަށް ނުފެންނަ ވައިރަހަކާއި ހަނގުރާމަކުރުމުގައި އެންމެ ކުރީ ސަފުގައި އެކި ރޮނގުރޮނގުން މަންމައިންދަނީ ވަރުބަލި ކަމެއް ނެތި މަސައްކަތްކުރަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ގޮތުގައެވެ. ވައިރަހަށް މީހުން ޓެސްޓުކުރާ ލެބް ޓެކްނީޝަނުންގެ ގޮތުގައެވެ. ވައިރަހުގެ ހަގީގަތް ހޯދުމަށް ރެއާދުވާ އެއްކުރަމުން އަންނަ ސައިންޓިސްޓުންގެ ގޮތުގައެވެ. މީހުން އެކަހެރިކުރުމާއި ވައިރަހަށް ޕޮޒިޓިވްވާ މީހުން ބެލެހެއްޓުމުގައެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައެވެ. ވައިރަހާއި ގުޅިގެން ކަންކަން އިންތިޒާމުކޮށް މުޅި ނިޒާމު ހުއްޓުމަކަށް އަޔަނުދީ ހިންގުމުގައެވެ. ވައިރަހުގެ ސަބަބުން ޢާއްމު ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭގައި ބަންދުވެގެން ތިބި މީހުންނަށް އެހީވުމުގައެވެ. އަދި ގޭގައި ސައުވީސް ގަޑިއިރުގެ ލޮކްޑައުންއެއްގައި މުޅި ޢާއިލާއަށް ޚިދުމަތްކުރުމުގައެވެ.

މީގެ ތެރެއިންވެސް މިއަދުގެ މިހާލަތުގައި ޚިދުމަތުގެ ކުރީސަފުގައި މަސައްކަތްކުރާ ގިނަ މަންމައިންނަށް އަމިއްލަ ދަރިން ހަމަލޮލަށް ނުފެންނަތާ ވީދުވަސް ދަންނަވަން ދައްޗެވެ. ހިތްވަރާއެކު މަސައްކަތް ކުރަމުންދަނީ އަމިއްލަ ދަރިފުޅު އުރާލާ ލޯބިކޮށްލެވުނު ދުވަސްތައް ހަނދާކޮށް އެދުވަސްތައް އަނބުރާ ހޯދުމަށެވެ. މިއީ މި ޖީލުގައި އިންސާނިއްޔަތު ދުށް އެންމެ ވަރުގަދަ ހަނގުރާމައެވެ. މުޅި ދުނިޔެ ސިއްސުވާލާ އެތައްބަޔަކު ވަކިވެގެން މިހަނގުރާމާއިގައި ގޮސްފައިވާއިރު އަމިއްލަ ޢާއިލާއާއި ދުރުގައި މި ހިތްދަތި ވަގުތު ހޭދަކުރަމުން އަންނަ މަންމައިންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރިކް ބާދީއެވެ. މަންމައިންނަކީ ހިތްވަރު ގަދަ ބައެއްކަން އަބަދުވެސް އަންނަނީ ސާބިތުކޮށްދެމުންނެވެ. އެގޮތުން މި ނާޒުކު ވަގުތުގައިވެސް އެކަން މަންމައިން އަންނަނީ ސާބިތުކޮށްދެމުންނެވެ.

މިއަދު މަންމައިންގެ ދުވަސް ފާހަގަކުރުމަށް އެހެން އަހަރުތަކުގައި ޢަމަލުކުރާ އުސޫލުން މަލާއި ކާޑު ފޮނުވާ ސައި ޕާޓީތައް ބޭއްވޭކަށްނެތެވެ. މިހާލަތުގައި އަޅުގަނޑުމެންނާއި ދުރުގައި ތިބި މަންމައިންނަށް ގުޅާ ވީޑިއޯ މެދުވެރިކޮށް ދުވަސް ފާހަގަކުރެވިދާނެއެވެ. ޕެންޑަމިކްގެ ޙާލަތުގައި ދުނިޔޭގެ ގިނަ ކަންކަން ނިންމަމުންދާ ވަރޗުއަލް ވަޞީލަތްތައް މެދުވެރިކޮށް ދުރުގައި ހުރި މަންމައަށް ދުވަހުގެ ޝުޢޫރުތައް ފޮނުވިދާނެއެވެ. ގޭގައި ތިބި މުސްކުޅި މަންމައިންގެ ރައްކާތެރިކަމަށްޓަކައި މިދަނޑިވަޅުގައި ގޭގައި މަޑުކުރުމަކީވެސް ބޮޑު ހަދިޔާއެކެވެ. ގޭގައި މަންމައާއެކު ހޭދަކުރަނަމަ މަންމައާއެކު އާކަމެއް ތަޖުރިބާކޮށްލާ މަންމައަށް މީރު އެއްޗެއް ތައްޔާރުކޮށްލުމަކީވެސް ކުރެވިދާނެކަމެކެވެ.

މަންމައިންގެ ދުވަހަކީ ވަކި ދުވަހެއްގައި ފާހަގަކުރަން އޮތް ދުވަހެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަނީ މަންމައިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ހުރިހާ މީހުންނަށްވެސް ނުތަނަވަސްކަން ވެރިވެފައިވާ މިދުވަސްވަރުވެސް މަންމައިންގެ ހިތުގެ ޝުޢޫރުތައް އަޑުއަހާ ހިތްވަރުދޭ ބަޔަކަށް ކޮންމެ ދަރިއަކުވެސް ވާންޖެހެއެވެ.