ދުނިޔެ

ރީޔޫނިއަން ކައިރިން ފެނުނީ އެމްއެޗް 370ގެ ބައިތަކެއް- މެލޭޝިޔާ


ޖަޒީރާ ރަށެއްކަމަށްވާ ރިޔޫނިއަންއިން ފެނުނު މަތިންދާބޯޓެއްގެ ބައިތަކަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންސް އެމް.އެޗް.ތްރީ.ސެވަންޓީގެ ބަޔެއްކަން ކަށަވަރުކޮށްފިއެވެ.މި ކަން ކަށަވަރުވެފައިވާކަން އިޢުލާނު ކުރައްވާފައިވަނީ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައެވެ.އިންޑިޔާ ކަނޑުގައި އޮންނަ ފަރަންސޭސި ވިލާތުގެ ރަށެއްކަމަށްވާ ރިޔޫނިއަންއިން މަތިންދާބޯޓެއްގެ ބައިތަކެއް ފެނިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މި ބައިތަކަކީ، ގެއްލިފައިވާ މަތިންދާބޯޓު އެމް.އެޗް.ތްރީ.ސެވަންޓީގެ ބައެއްކަން ކަށަވަރުކޮށްފައިވަނީ، މި ބައިތައް ފަރަންސޭސި ވިލާތަށް ގެންގޮސް ކުރި ތަހުޤީޤުތަކަށް ފަހުގައެވެ.މި ބަޔަކީ އެމް.އެޗް.ތްރީ.ސެވަންޓީގެ ބަޔެއްކަން ކަށަވަރު ކުރެވުމުން، މީގެ ފަސް ސަތޭކަ ދުވަސް ކުރިން ގެއްލިފައިވަނީ އިންޑިޔާ ކަނޑުގެ ސަރަހައްދުންކަންވެސް ކަށަވަރު ކުރެވިފައިވާކަމަށް ނަޖީބް ރަޒާކް ވިދާޅުވިއެވެ.ފަރަންސޭސި ވިލާތާއި މެލޭޝިޔާގެ މާހިރުން ކުރި ތަހުޤީޤުތަކަށްފަހު، މީގެ ކުރިންވަނީ، ފެނިފައިވާ ބައިތަކަކީ އެމް.އެޗް.ތްރީ.ސެވަންޓީ ފަދަ ބޯއިންގް ހަތެއް ހަތެއް ހަތެއް މަރުކާގެ ބޯޓެއްގެ ބައިތަކެއްކަން ކަށަވަރުކޮށްފައެވެ.އެމް.އެޗް.ތްރީ.ސެވަންޓީ ގެއްލިފައިވަނީ މީގެ ސަތާރަ މަސްދުވަސް ކުރިން މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. ބޯޓު ގެއްލިފައިވަނީ 239 މީހުންނާއިއެކު ދަތުރުކުރަމުންދަނިކޮށެވެ.އެމް.އެޗް.ތްރީ.ސެވަންޓީ ހޯދުމަށް އެތައް ޤައުމަކުން ގުޅިގެން ވައިގެ މަގުންނާއި، ކަނޑު މަގުން، އަދި ކަނޑު އަޑީގައި ކުރަމުންދާ މަސައްކަތްތަކަށް މީގެ ކުރިން އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.