ޚަބަރު

ކޯވިޑް-19 : އަތޮޅުތަކުގައި ހަދާ ފަރުވާދޭ ފެސިލިޓީތަކުގެ ގިނަ މަސައްކަތްތައްވަނީ ނިމިފައި - މަބްރޫކް


ކޯވިޑް-19އާ ގުޅިގެން އަތޮޅުތަކުގައި ހަދާ ސިއްޙީ ފަރުވާދޭ ގިނަ ފެސިލިޓީތަކުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގައިި ޙާލުބޮޑުވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެގޮތް އަތޮޅުތަކުގައި ހަމަޖެއްސުމަށް 100އައިސީޔޫ އެނދާއި، 130ހޮސްޕިޓަލް އެނދު ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިމަސައްކަތް މިދިޔަ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އަދިވެސް ފެސިލިޓީތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ނެޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަތޮޅުތަކުގެ ފެސިލިޓީތަކުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚް ފަހަނައަޅައި ގޮސްފައިވީނަމަވެސް ފެސިލިޓީތަކުގެ މަސައްކަތް ހުއްޓާނުލައި ބާރަށް ކުރިއަށްދާކަމަށެވެ. މަބްރޫކް ވިދާޅުވީ ފުރަބަންދުގެ ދުވަސްތަކަށްވާތީ މަސައްކަތް ކުރިއަށްގެންދިއުމުގައި އުނދަގޫތަކެއް ދިމާވަމުންއަންނަކަމަށެވެ. ނަމަވެސް ފެސިލިޓީތަކުގެ ޢަމަލީ މަސައްކަތްތައް މުޅިން ނިމުމަކާއި ގާތްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ފަރުވާ އަތޮޅުތަކުގައި ހަމަޖެއްސުމަށް 6 ރަށެއްގައިދަނީ ފެސިލިޓީ ތަރައްޤީކުރަމުގެ މަސައްކަތްކުރަމުންނެވެ. މަބްރޫކްވަނީ މި 6 ފެސިލިޓީގެ އިންފްރާސްޓްރަކްޗަރަލް މަސައްކަތް ނިމިފައިވާ ހިސާބު ޙިއްސާކުރައްވާފައެވެ.

"ފުވައްމުލަކު ފެސިލިޓީވަނީ މުޅިން ނިމިފައި، އައްޑޫ ހިތަދޫ ފެސިލިޓީގެ %90 ނިމިފައި، ގއ.ވިލިނގިލި %97 ނިމިފައި، ލ.ގަން %85 ނިމިފައި، އޭދަފުށި %60 ނިމިފައި، ށ.ފުނަދޫގައި %55 ނިމިފައި، އަދި އިހަވަންދޫގައި ހަދާ 3އައިސޫޔޫ އެނދުގެ ފެސިލިޓީގެ %94 މަސައްކަތްވަނީ ނިމިފައި." މަބްރޫކް ވިދާޅުވިއެވެ.

މަަބްރޫކް ވިދާޅުވީ ފެސިލިޓީތަކުގެ ޢިމާރާތާ ގުޅުންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް ފެސިލިޓީއަށް ބޭނުންވާ ވަސީލަތްތައް ފޮނުވަމުންދާނެކަމަށެވެ.

ސަރުކާރުންދަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް މިކަމާގުޅިގެން މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އަތޮޅުތަކުގައި ހުރި ޖީން އެކްސްޕަރޓް މެޝިންތައް ބޭނުންކޮށްގެން ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ސަރުކާރުންވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިޓީތައް ތަރައްޤީކޮށް، އަތޮޅުތަކުން އެކަހެރިކުރާ މީހުން އެތަންތަނަށް ބަދަލުކުރަމުންދިއުމުގެ މަސައްކަތް ފަށާފައެވެ. އަދި ބައްޔަށް ބޭނުންވާ ފަރުވާތައް ދިނުމަށް ޑޮކްޓަރުނާއި ސިއްޙީ އެހީތެރިން، އަދި އެކަހެރިކުރާ މީހުންނަށް ޚިދުމަތްތައް ދޭނެ ގޮތްތައްވެސް ހަމަޖައްސާފައެވެ. ކޯވިޑް 19އަތޮޅުތަކަށް ފެތުރުން ކޮންޓްރޯލްކުރުމަށް ކޮންމެރަށެއްގައި ކޯވިޑް19 ޓާސްކްފޯހެއް އެކުލަވާލައިދަނީ ރަށްތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.