ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް19 އަށް ޓެސްޓުކުރާ އިތުރު މެޝިންތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަޙައްދެއްގައި އައި.ސީ.ޔޫތަކާއި، އައިސޮލޭޝަން އެނދުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތަންތަނުން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން ކުރިން މަސައްކަތްކުރީ މިޙާރު ހުރި ޖީންއެކްސްޕާޓް މެޝިންތަކަށް ކާޓްރިޖް ލައްވައިގެންކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން މަސައްކަތްކުރަނީ ސީދާ ކޯވިޑް19 އަށް ޓެސްޓްކުރެވޭ މެޝިންތައް އެސަރަހައްދުތަކަށް ގެނައުމަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަލަށް ގެންނަ މެޝިންތަކަކީ މާގިނަ ލެބްޓެކްނީޝަނުންނާ ނުލައިވެސް ޓެސްޓު ހެދޭނެފަދަ މެޝިންތަކެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އިތުރު ޓެސްޓް ހެދުމަށްޓަކައި ޓީޓީއެޗްގައި ޓެސްޓުކުރުމަށްޓަކައި މެޝިނެއް އެބަގެނެވޭ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ޖީން އެކްސްޕާޓް މެޝިންގެ އިތުރުން އިތުރު، މެޝިންތަކެއް ބެހެއްޓުމައްޓަކައި ޕުރޮކިއޯ ކުރެވޭތޯ މިހާރު މަސައްކަތްކުރަމުން އެބަދޭ. އެއީ މާގިނަ ލެބް ޓެކްނީޝަނުންނާ ނުލައި ހަމަ އަޅުގަނޑުމެންގެ މިހުރި ފަސް ރީޖަންގައި ޓެސްޓު ހެދޭނެ އިންތިޒާމްތައްރޭވޭނެ އިތުރު އިންތިޒާމްތައް ހަމަޖެއްސުމައްޓަކައި" މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
އެންއީއޯސީން ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދުގައި ޓީބީއަށް ޓެސްޓްކުރުމަށް ބޭނުންކުރަމުންދިޔަ ޖީންއެކްސްޕާޓް މެޝިންތަކުން ކޯވިޑް19 އަށް ޓެސްޓްކުރުމަށް ކާޓްރިޖް ހޯދުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުން މިމަސް ނިމެންވާއިރަށް 25000 ޖީންއެކްސްޕާޓް ކާޓްރިޖް ޑަބްލިއުއެޗްއޯ މެދުވެރިކޮށް ލިބޭނެކަމަށް ގަބޫލުކުރެވޭކަމަށެވެ.
މިވަގުތު ރާއްޖޭގައި ކޯވިޑް19 އަށް ޓެސްޓުކުރެވެނީ ހަމައެކަނި އައިޖީއެމްއެޗާއި ފުލުހުންގެ ލެބެއްގައި ހުރި މެޝިނެއް ބޭނުންކޮށްގެންނެވެ. މާލެ ސަރަހައްދުގައި ޓެސްޓު ހެދުމުގެ އިންތިޒާމް އިތުރަށް ފުޅާކުރުމަށްޓަކައި އެކްސްޓްރެކްޝަން މެޝިނެއް މިމަހުގެ 17 ވަނަ ދުވަހު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއާއެކު މާލެ ސަރަހައްދުގައި ދުވާލަކު 600 ސާމްޕަލް ޓެސްޓްކުރެވޭނެކަމަށް އެންއީއޯސީން ވިދާޅުވިއެވެ.