ޚަބަރު

ސައުދީން ރާއްޖެއަށް އަސްކަރީ ދެ އުޅަނދެއް ހަދިޔާކޮށްފި


ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް އަސްކަރީ ދެ އުޅަނދެއް ހަދިޔާކޮށްފިއެވެ.ފޮރިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދުތައް ހަދިޔާކުރުމާއިބެހޭ ލިޔުމާއި ހަވާލުވެޑައިގެންފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނެވެ. ސަރުދީ ސަރުކާރުގެ ފަރާތުން  މި ލިޔުމުގައި ސޮއިކުރައްވާފައިވަނީ ސްރީލަންކާގައި ހުންނަ ސައުދީ އެމްބަސީގެ ޝާޒޭދަފެއަރ މުހައްމަދު އަލް ޣަމްދީއެވެ.މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން ރައީސުލް ޖުމްހޫރިއްޔާ ސައުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކޮށް, ސައުދީން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތަކަށްވެސް ޝުކުރުއަދާކުރައްވާފައިވެއެވެ.މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް އާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓްލާރޖް އަބްދުﷲ ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ރާއްޖެއާއި ސައުދީ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ.