ޚަބަރު

"ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާ އަޒުމަށް ފަޚުރުވެރިވަން"


ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާ އަޒުމަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި އެކަމަނާ ވަނީ މި މަސައްކަތް ކުރުމުގައި އެމްއެންޑީއެފްގެ އޮފިސަރުންތަކެއް ކޯވިޑަށް ޕޮޒިޓިވްވުމަށް ފަހުގައިވެސް ފެސިލިޓީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމުން އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާ އަޒުމަށް ފަޚުރުވެރިވަޑައިގަންނަވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ކަރަންޓީންވެ ގިނަ އަދަދެއްގެ އޮފިސަރުން 24 ގަޑިއިރު މި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިމަހުގެ 15 އިން 31 އަށް އަންނާނެކަމަށް ބެލެވޭ ކޯވިޑް-19ގެ ސަރޖްގެ ކުރިން މިމަސައްކަތް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ކުރެއްވި ޓުވީޓް

ކޯވިޑް-19އަށް ޕޮޒިޓިވް ކޭސްތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ކޯވިޑް ވިލެޖްގެ މަސައްކަތަކީ މުޅި ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ވަސީލަތަކަށް ވާއިރު މި މަސައްކަތުގައި ފަސްނުޖެހޭނެކަމަށް ސިފައިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރި ފަރާތްތަކުގެ ތެރެއިން ސިފައިންގެ 14 އޮފިސަރަކަށް ބަލި ޖެހުމާ ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މިހާރު މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕޮޒިޓިވްވި ކޭސްތަކާއި ކޮންޓެކްޓްވުމާ ގުޅިގެން ކަރަންޓީން ކޮށްފައި ތިބި ސިފައިންނެވެ.

289 އެނދުގެ ފެސިލިޓީގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރަމުންދާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާ ހުރިހާ ސިއްޙީ ވަސީލަތްތަކެއް އިންސްޓޯލްކޮށް މި މުއްދަތުގެ ތެރޭގައި ނިމޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާ އަޒުމަށް ފަޚުރުވެރިވަޑައިގަންނަވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅުގެން މިހާތަނަށް އައިރު އެކި މަސައްކަތްތަކުގައި ކުރީ ސަފުގައި އުޅުނު ސިފައިންގެ 20 އޮފިސަރަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް މިހާލަތުގައިވެސް ސިފައިން ދަނީ ޤައުމީ ޚިދުމަތުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކުގައްޔާއި ރައްޔިތުނަށް ބޭނުންވާ ޒަރޫރީ ސާމާނު ގެތަކަށް ޑެލިވަރީ ކުރުމަށްވެސް ސިފައިން ދަނީ އެންމެ ކުރީސަފުގައި ފުރާނަ އަތް މައްޗަށް ލައިގެން އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ. ސިފައިންނެކޭ އެއްފަދައިން ޤައުމުގެ އަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ދިވެހި ފުލުހުންވެސް ދަނީ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުންނެވެ.