ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 22 ކުދިން


އިއްޔެ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 96 މީހުންގެ ތެރޭގައި 7 މަހުގެ ތުއްތު ކުއްޖެއް ހިމެނިއްޖެއެވެ. މިކުއްޖާ ވެފައިވަނީ ރާއްޖެއިން ޕޮޒިޓިވްވި އެންމެ ހަގު އުމުރުގެ ކުއްޖާއަށެވެ. އިއްޔެ ވެފައިވަނީ ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން 2 ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ. އިއްޔެ 94 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ މަޢުލޫމާތުމާތު ހާމަކޮށް އެޗްޕީއޭގެ ޑޭޝްބޯޑުގައި ހާމަކޮށްފައި ވާގޮތުން ޕޮޒިޓިވްވެފައިވާ 7 މަހުގެ ތުއްތު ކުއްޖަކީ ރާއްޖެއަށް ނިސްބަތްވާ ފިރިހެން ކުއްޖެކެވެ. މީގެއިތުރުން އިއްޔެވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، 7 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 7 މަހުގެ ތުއްތު ކުއްޖަކީ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެ ހަގު އުމުރުގެ ކުއްޖާއެވެ. މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 22 ކުދިން ހިމެނެއެވެ. މީގެ ތެރެއިން 21 ކުދިންނަކީ ދިވެހިންނެވެ. އަނެއް ކުއްޖަކީ ސްރީލަންކާއަށް ނިސްބަތްވާ ޢުމުރުން 4 އަހަރުގެ ކުއްޖެކެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 15 އަހަރުން ދަށުގެ ކުދިން

  • 2 އަހަރުގެ 3 ކުދިން، ރާއްޖެއިން
  • 4 އަހަރުގެ 2 ކުދިން، ސްރީލަންކާއާއި ރާއްޖެއިން
  • 5 އަހަރުގެ ކުއްޖެއް، ރާއްޖެއިން
  • 7 އަހަރުގެ ކުއްޖެއް، ރާއްޖެއިން
  • 8 އަހަރުގެ 2 ކުދިން، ރާއްޖެއިން
  • 9 އަހަރުގެ ކުއްޖެއް، ރާއްޖެއިން
  • 11 އަހަރުގެ 3 ކުދިން، ރާއްޖެއިން
  • 12 އަހަރުގެ 3 ކުދިން، ރާއްޖެއިން
  • 13 އަހަރުގެ 2 ކުދިން، ރާއްޖެއިން
  • 14 އަހަރުގެ 2 ކުދިން، ރާއްޖެއިން
  • 15 އަހަރުގެ 2 ކުދިން، ރާއްޖެއިން

އެންމެ ޢުމުރުން ދުވަސްވީ ޢުމުރުފުރާތަކުގެ ތެރެއިން 70 އަހަރުން މަތީގެ 7 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ 70 އަހަރާއި 80 އަހަރާއި ދެމެދުގެ 4 މީހަކާއި، 80 އަހަރާއި 90 އަހަރާއި ދެމެދުގެ 3 މީހެކެވެ. މީގެ ތެރެއިން 2 މީހަކު ވަނީ ބަލީގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ. ރާއްޖެއިން މިބަލީގައި ޖުމުލަ މަރުވެފައިވަނީ 3 މީހުންނެވެ. އަނެއްމީހާއަކީ ޢުމުރުން 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

އިއްޔެ ޕޮޒިޓިވްވި ގިނަ މީހުންނަކީ އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު ކުޑަކުދިންނަށް ބަލިޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. މިބަލީގައި މާބަނޑު އަންހެނަކަށްވެސް ޓްރީޓްޕް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

އިއްޔެ މާލެއިން ޕޮޒިޓިވްވި 96 މީހުންނާއިއެކު މިޢަދަދު ވެފައިވަނީ ރާއްޖެއިން އެއްދުވަހެއްގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަޢަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަށެވެ. ރާއްޖެއިން އެންމެ ގިނަޢަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއިން ވަނީ 179 މީހަކު ކޯވިޑް-19އަށް ޕޮޒިިވްވެފައެވެ. ރާޢްޖެއިން ކޯވިޑް-19އަށް މީހުން ޕޮޒިޓިވް ވުން އިތުރު ވެފައިވަނީ މާލެއިން މިދިޔަ މަހުގެ 15ވަނަ ދުވަހު މީހަކު ޕޮޒިޓިވް ވުމާއިއެކުއެވެ.

އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން ކޯވިޑް 19 ފެނުނު ފަހުން މިވީ 25 ދުވަހުގެ ތެރޭގައި ވަނީ 732 މީހަކު އެބައްޔަށް ޕޮޒިޓީވްވެފައެވެ. މާލެއިން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު މިހާރު ހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް 2 ހަފްތާއަކީ ރައްޖެ ޕީކަށްދާނެ ދެހަފްތާކަމަށް ބަލާއިރު މިދެހަފްތާގައި އިތުރު ފިޔަވަޅުތަކެއް އަޅައި ރައްޔިތުން މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.