ޚަބަރު

ކޯވިޑް-19 : އުސޫލާއި ޚިލާފަށް ވިޔަފާރި ހިންގާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފިހާރަތަކުން އަމަލުކުރަން އަންގަވާފައިވާ އުސޫލާ ޚިލާފްވާނަމަ ފިޔަވަޅުއަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 15 އިން 31ގެ ނިޔަލަށް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ މުއްދަތުގައި ފުލުހުންގެ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވަނީ ނިންމާފައެވެ.

އާންމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ދަތިކަމެއްނެތި ލިބޭނެގޮތް ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ވަކި އުސޫލެއްގެ ދަށުން ވިޔަފާރި ކުރުމުގެ ހުއްދަ ބައެއް ފިހާރަތަކަށް ދީފައެވެ. އެހެން ނަމަވެސް އެ އުސޫލާއި ބައެއް ވިޔަފާރިތަކުން ޚިލާފުވަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ވިޔަފާރި ހިންގަން ފާސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ފިހާރަ ނުހުޅުވާކަން ފާހަގަކުރެވިފައިވާކަމަށާ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބައެއް ފިހާރަތަކުގައި ހުއްދަ ދީފައިވާ އަދަދަށްވުރެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ގައިދުރުކަން އިސްކުރުމަށާއި މަސައްކަތުގެ މާހައުލުތަކުގައި ވީހާވެސް މަދު މުވައްޒަފުން ބޭނުންކުރުމަށް ސަރުކާރުން ވަނީ އަންގަވާފައެވެ. އެހެންކަމުން ހުއްދަ ދީފައިވާ އަދަދަށްވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ކުރި ޓުވީޓް

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ޕީކް ރާއްޖޭގައި އަންނާނީ މިމަހުގެ 15 އިން 31ގެ ނިޔަލަށް ލަފާކޮށްފައިވާއިރު، މި މުއްދަތުގައި 77،000 މީހުންނަށް ބަލިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މި އަދަދު މަދުކުރުމައްޓަކައި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި މުއްދަތުގައި ހުއްދަލިބިގެން ފިހާރަތަކަށް ވިޔަފާރި ކުރަން ދާ ފަރާތްތައް ފިހާރަތަކަށް ވަނުމުގައި ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރާނެކަމަށާއި، ފިހާރައިގެ ބޭރުގައި ކިއު ހެދުމުގައިވެސް އިޖުތިމާޢީ ގައިދުރުކުރުމުގެ ސިޔާސަތެއް ގެންގުޅުމަށް ވިސްނާފައިވާކަމަށެވެ. އަދި މި ދަނޑިވަޅުގައި ފުލުހުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާލަތުގައި އަމަލުކުރަން އަންގާފައިވާ އުސޫލާއި ޚިލާފަށް ވިޔަފާރި ހިންގާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފައިވާއިރު، އެ އިދާރާއިން ދާދިފަހުން ވަނީ ޑެލިވަރީކުރުމަށް ދޭ ފާސްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާކަމަށް ބުނެ އޭރު ދޫކުރި ފާސްތައް ބާތިލްކޮށް ހައި ސެކިއުރިޓީ އައު ފާސްތަކެއް ދޫކުރަން ފަށާފައެވެ. އަލަށް ދޫކުރާ ފާސްގެ ސެކިއުރިޓީ ފީޗަރސްތައް ވަރުގަދަކޮށްފައިވުމުން ފާސް ދޫކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއް އެ ފާސް ބޭނުންކުރާނަމަ އެކަން ދެނެގަތުން ފަސޭހަވެގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.