ސިޔާސީ

ވަކާލާތުކުރުމަށް ޕީޖީ އަނެއްކާވެސް ކޯޓަށް!


މިދިޔަ މޭމަހުގެ އެއްވަނަދުވަހު
އިދިކޮޅު ފަރާތަކުން ބޭއްވި މުޒާހަރާގައި ފުލަހަކަށް ހަމަލާދިން މައްސަލާގައި
ޕްރޮސެކިއުޓަރ ޖެނެރަލް މުހާތްޒް މުހުސިން ކޯޓަށް ހާޒިރުވެޑައިގެން
ވަކާލާތުކުރައްވައިފިއެވެ. 

ކޯޓުތަކަށް ވަޑައިގެން ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުގެ ވަކީލުން ވަކާލާތުކުރައްވާއިރު، ސީދާ ޕީޖީ ކްރިމިނަލް ކޯޓަށް ވަޑައިގެން ވަކާލާތުކުރައްވާފައި މިވަނީ، ފުލުސް މީހާއަށް ހަމަލާދިން
މައްސަލާގައި މީގެކުރިން ބޭއްވި އެހެން ޝަރީއަތެއްގައި ކުރިމިނަލްކޯޓްގެ އިސްގާޒީ
އަބްދުﷲ މުހައްމަދު ޕީޖީ އޮފީހަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ. 



މި މައްސަލާގައި އިއްޔެ ބޭއްވި
ޝަރީއަތުގެ މަޖްލީހުގައި ދައުލަތުން ކޮށްފައިވާ ދައުވާއިން ވަކިބަޔަކު
ސަލާމަތްކުރަން އުޅޭކަމަށް ތުހުމަތުކުރައްވާ އިސްގާޒީ އަބްދުﷲ މުހައްމަދު ވާހަކަ
ދައްކަވާފައިވެއެވެ. އަދި ފުލުސް މީހާއަށް އަތުންނާއި ފައިން ހަމަލާދިންކަމަށް ބުނާ
މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި
ބައިވެރިވުމުގެ ކުށުގައި ދައުވާކޮށްފައިވާތީ އެކަމާއި އިސްގާޒީ ސުވާލް
އުފައްދާފައިވެއެވެ. 



ފުލުސްމީހާއަށް ހަމަލާދިން މައްސަލާގައި
މިއަދު ބޭއްވީ އެހެން ބައެއްގެ ޝަރީއަތެއްކަމުން އިއްޔެ އިސްގާޒީ ދެއްކެވި
ވާހަކަތަކަށް ޕީޖީ ރައްދުދެއްވާފައެއް ނުވެއެވެ. މިއަދު އޮތީ ފުލުސް މީހާއަށް
މުގުރުންނާއި ހެލްމެޓުން ހަމަލާދިންކަމަށް ބުނާ މީހުންގެ ޝަރީއަތެވެ. މި މީހުންވަނީ
ދައުވާއަށް އިންކާރުކޮށްފައެެވެ. 



މި މައްސަލާގއި މިއަދު ބޭއްވި
އަޑުއެހުން ނިންމާލީ  ދައުލަތަށް ހެކިން
ހުށައެޅުމުގެ ފުރުސަތު ދިނުމަށްފަހުއެވެ.

މިދިޔަ އޮގަސްޓްމަހު ކ ތުލުސްދޫގައި މީހަކު މަރާލި މައްސަލައިގައިވެސް ކްރިމިނަލް ކޯޓަށް ޕީޖީ މުހުތާޒް މުހުސިން ވަނީ ވަޑައިގެން ވަކާލާތުކުރައްވާފައެވެ. ނަމަވެސް އާއްމު ގޮތެއްގައި ޕީޖީގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކޯޓުތަކަށް ވަޑައިގެން ވަކާލާތު ކުރައްވާ މަންޒަރު ފެނިފައެއްނުވެއެވެ.