ޚަބަރު

އަފްޣާނިސްތާނުގެ ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ކޯވިޑް-19 ފެތުރޭތީ ކަންބޮޑުވެއްޖެ


ގިނަ އަހަރުތަކެއް ވަންދެން ހަނގުރާމައިގެ ޙާލަތުގައި އޮތް އަފްޣާނިސްތާނުގެ ކާބުލްގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހިމެނޭކަމަށް އެޤައުމުން ބުނެފިއެވެ.

30 ޤައުމަކުން އެއްކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ 6 އިންސައްތަ އަކީ ޞިއްޚީ ޚިދުމަތްތެރިންނެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އަފްޣާނިސްތާނުގެ ޞިއްޚީ ދާއިރާގެ އިސްވެރިންތަކެއް ބުނީ ވެރިރަށް ކާބުލްގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޞިއްޙީ ޚިދުމަތްތެރިންކަމަށެވެ.

އަފްޣާނިސްތާނުގައި 3،563 މީހުންނަށް ކޯވިޑް-19 އަސަރުކޮށް 106 މީހުންވަނީ މަރުވެފައެވެ. ކާބުލްގައި ބަލިޖެހިފައިވާ 925 މީހުންގެ ތެރެއިން 346 މީހުންނަކީ ޞިއްޙީ ޚިދުމަތްތެރިންނެވެ. އެއީ އެޤައުމުން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ދަތިތަކަކާ ކުރިމަތިލަމުންދާކަމުގެ ނިޝާނެއްކަމަށް ވަނީ ބެލެވިފައެވެ.
ސަރުކާރަށް ނިސްބަތްވާ ދެ ޑޮކްޓަރުން ބުނީި އަފްޣާނިސްތާނުގެ އެކި ހިސާބުތަކުގައި މަދުވެގެން 13 ޑޮކްޓަރުން މިދިޔަ މަހާއި މެއި މަހުގެ ފުރަތަމަ ހަފްތާގައި މަރުވެފައިވާކަމަށާއި އޭގެ ތެރެއިން މަދުވެގެން ނުވަ ޑޮކްޓަރުންނަކީ އާންމު ހަސްފަތާލުތަކާއި އަމިއްލަ ހަސްފަތާލުތަކާއި އަސްކަރީ ހަސްފަތާލުތަކުގައި މަސައްކަތްކުރާ މީހުންކަމަށެވެ.

އެޤައުމުން ބުނީ ޞިއްޙީ ރައްކާތެރިކަމުގެ ސާމާނު ނެތުމާއި ބައްޔާބެހޭ މައުލޫމާތު ބައެއް ޞިއްޙީ ޚިދުމަތްތެރިންނަށް ފޯރުކޮށްދެވިފައި ނެތުމުގެ ސަބަބުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެދެވޭގޮތަށް އެޅިފައި ނުވާކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ބަލި ފެތުރެމުންދާލެއް ހަލުވިކަމުން އެދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ޑޮކްޓަރުންދަނީ އެމީހުންގެ ކުލިނިކުތައް ބަންދުކުރަމުންނެވެ. އެހެންކަމުން ޢާންމުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.

37 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަފްޣާނިސްތާނުގައި ހުންނަނީ ގާތްގަނޑަކަށް 172 ހަސްފަތާލެެވެ. އާބާދީގެ ކޮންމެ 10،000 މީހަކަށް ފަރުވާދޭން ހުރީ 4 ޑޮކްޓަރުންކަމަށް އެޤައުމުގެ ސަރުކާރުން 2019 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ. އަފްޣާނިސްތާނުގެ ޞިއްޙީ ނިޡާމު އޮންނަނީ އެހެން ޤައުމުތަކުންދޭ އެހީތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ބުނީ ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަތުމަށް އެޤައުމުގައި ލިބެންހުރި އެންމެ ރަނގަޅު ވަޞީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ. ނަމަވެސް އެޤައުމުގައި ބައްޔަށް ތަހުލީލުކުރުމުގެ ޤާބިލިއްޔަތު ނެތުމުގެ ސަބަބުން ބަލީގެ އަލާމާތް ހުންނަ ގިނަ މީހުން ތަހުލީލެއް ނުކުރެއެވެ. ގިނަ ޢަދަދެއްގެ ޑޮކްޓަރުންވަނީ ޤައުމުގެ ޙާލަތާ ގުޅޭ ގޮތުން ޞައްޙަ މަޢުލޫމާތު ސަރުކާރުން ޙިއްޞާ ނުކުރާކަމަށް ބުނެ، ޤައުމުގެ ޙާލަތު ވަރަށް ގޯސްވެފައިވާކަން ފާހަގަކޮށްފައެވެ.