ޚަބަރު

ކްރިމިނަލް ކޯޓުން ބައެއް ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަށަނީ


ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގަައި ވިދާޅުވެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ޙާޟިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން މިޙާލަތުގައި ވެސް ހިންގަން ފެށުމަށް އެ ކޯޓުން ނިންމަވާފައިވާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ކްރިމިނަލް ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު ކޯޓުން ދަނީ ކުރަމުންނެވެ. ނަމަވެސް ކޯވިޑް -19ގެ ޙާލަތާއި ގުޅިގެން، 15 އެޕްރީލް 2020 އިން ފެށިގެން، ޟަރޫރީ ބޭނުމެއްގައިވެސް ހުއްދަ ހޯދައިގެން ނޫނީ ގެއިންބޭރަށް ނުނިކުމެވޭގޮތަށް މާލެ ލޮކްޑައުން ކުރުމުން އެދުވަހުން ފެށިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތްތަކުގެ އަޑުއެހުންތައް މެދުކަނޑާލާފައެވެ.

އެ ކޯޓުން ވިދާޅުވީ މި ހާލަތުގަައި ޝަރީއަތްތައް ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޚާއްސަ ޤަވައިދާ އެއްގޮތައް ކަމަށެވެ.