ޚަބަރު

ކޯވިޑް-19 : ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 698 މީހުން އަނބުރާ ޤައުމަށް ފުރައިފި


ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 698 މީހުން އަނބުރާ ޤައުމަށް ފުރައިފިއެވެ.

މިމީހުން ފުރުވާލާފައި ވަނީ މިއަދު ހަވީރު 4 ޖެހި އިރު ފުރި އިންޑިއާގެ މަނަވަރު "އައިއެންއެސް ޖަލާޝްވާ"އިންންވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، މިފަހަރު 698 މީހަކު ގެންދިއުމަށް ނިންމާފައި ވާކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ދިވެހި ސަރުކާރާއެކު ހައިކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އިންޑިއާ ހައިކޮމިޝަނުން ވަނީ، މިފަހަރު އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް އަނބުރާ ގެންދިޔުމަށް ކަމަށް ވިދާޅުވެފައެވެ. އެހެން ޤައުމުތަކުން އިންޑިއާއަށް އެނބުރި އަންނަ ރައްޔިތުން ފަދައިން މި ރައްޔިތުންވެސް އެނބުރި ޤައުމަށް އެނބުރި ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓުވިޓަރއިން ވަނީ "އައިއެންއެސް ޖަލާޝްވާ"ގެ މަންޒަރުތަކާއި، އިންޑިއާގެ ރައްޔިތުން ގެންދިއުމުގެ އަމަލުކުރަމުންދާ ގޮތުގެ މަންޒަރުތައް ހިއްސާކޮށްފައެވެ. އެގޮތުން މީހުން ގެންދާއިރު އިޖުތިމާޢީ ގައިދުރުކަން ހިފަހައްޓާ، ބައްޔަށް ޓެސްޓްކުރާކަން އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރެއެވެ. މިއަދު ފުރާ ރައްޔިތުން ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެންމެ ފުރަތަމަ ގޮސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއަށްފަހު މި މީހުން ފުރާފައި ވަނީ މާލޭ ވިޔަފާރިވެރިންގެ ބަނދަރުންނެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓުވީޓް

އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދާއިރު، އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝި-ކޭޝް އަދި ވެރިރަށް ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ބައެއް ދިވެހިންކަމަށެވެ. އެމީހުން ގެނައުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެފްލައިޓް ދަތުރުކުރާނީ މާލެއިން އިންޑިއާގެ ވެރިރަށް ދިއްލީއަށް، ދިއްލީން ތިރުވަނަންތަ ޕޫރަމަށް އަދި އެސިޓީން މާލެއަށެވެ.