ޚަބަރު

ކޯވިޑް-19 : މަރުވި 80 އަހަރުގެ މީހާގެ ޖަނާޒާ ބާއްވައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ މަރުވި ތިންވަނަ މީހާގެ ޖަނާޒާ ބާއްވައިފިއެވެ. ކޯވިޑް ބަލީގައި ރޭ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި ރޭ މަރުވި ޢުމުރުން ދުވަސްވީ މީހާއަކީ، ވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަން ޑޮކްޓަރުން ކުރިން ވަނީ ވިދާޅުވެފައެވެ. ޑޮކްޓަރުން ވިދާޅުވިގޮތުގައި އޭނާއަކީ މީގެކުރިން ސްޓްރޯކެއްޖެހި 2 އަހަރުދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށެވެ. އަދި މި މީހާއަކީ ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުންފަދަ ބަލިތަކަށް ބޭސްކުރާ މީހެއްކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކާއެއްޗެހި ދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާވެސް މި މިހާއަށް ޖެހިފައިވާކަންވެސް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

މި މީހާ ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައެވެ. މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ.

މީގެ ކުރިން މިބަލީގައި މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 33 އަހަރުގެ ބަނގްލަދޭޝްގެ މީހެކެވެ. މިވަގުތުވެސް އައިޖީއެމްއެޗްގައި 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 2 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އަނެއް މީހާއަށް އޮކްސިޖަން ދެމުންދާއިރު ދެންތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.