ޚަބަރު

ކޯވިޑް-19 : ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގަން ފަށައިފި


ކޯވިޑް-19އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑޮމް ސާމްޕަލް ނެގުމުގެ މަސައްކަތް މާފުށީ ޖަލުގައި ފަށައިފިއެވެ، މި މަސައްކަތް ފަށާފައިފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ހާމަކުރައްވާފައެވެ.

މި މަސައްކަތަކީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކެވެ. މި މަސައްކަތުގެ ތެރެއިން މާފުށީ ޖަލުގައި މަސައްކަތް ކުރަމުންދާ ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގާނެކަަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގެ ބަލި ފެތުރެމުންދާއިރު މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ. މީގެކުރިންވެސް މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައިގެން ވަނީ ދިރާސާއެއް ހަދާފައެވެ.

އެހެންނަމަވެސް މިފަހަރު ރެންޑަމް ސާމްޕަލް ނަގަން ފަށާފައި މިވަނީ މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ އެސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ހާމަކުރައްވައެވެ. މިހާތަނަށް އައިރު މީގެކުރިންވެސް މާލޭ ޞަރަޙައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޯޕީޑީއަށް ދާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަަކާއި، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން އިއްޔެ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ ފްލޫކްލިނިކްތަކުން 34 ރެންޑަމް ސާމްޕަލް ނަގާފައެވެ.

މިމަހުގެ 15 އިން 31އާއި ދެމެދު ރާއްޖޭގެ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ޙާލަތު އަންނާނެކަމަށް ލަފާކޮށްފައިވާތީ މިހާރު ދަނީ ރާއްޖޭގައި ޓެސްޓްކުރުމުގެ ޤާބިލުކަން އިތުރުކުރަމުންނެވެ. އެގޮތުން ދުވާލަކަށް 600 ސާމްޕަލް ނެގުމަށް އަމާޒު ހިފާފައިވާކަމަށް އެންއީއޯސީއިން ހާމަކުރައްވައެވެ.