ޚަބަރު

ކޯވިޑް-19: އިންޑިއާ މީހުން މަނަވަރަށް އަރުވާ ފުރަން ތައްޔާރުވެއްޖެ


ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ގެންދިޔުމަށް ރާއްޖެއައި މަނަވަރަށް މީހުން އަރުވާ މަނަވަރު ފުރަން ތައްޔާރުވާން ފަށައިފިއެވެ.

"އައިއެންއެސް ޖަލާޝްވާ" ނަމަކަށް ކިޔާ މަނަވަރު މާލޭ ވިޔަފާރިވެރިންގެ ބަނދަރުގައި ބަނދަރުކޮށް މި މަނަވަރުގައި ރާއްޖޭގައި އުޅޭ 700 އަށް ވުރެ ގިނަ އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަނަވަރު މިއަދު ރާއްޖެއިން ފުރާނީ ހަވީރު 4 ޖަހާއިރުއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، މިފަހަރު މިގޮތަށް ތިބި 750 މީހަކު ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އިންޑިއާ ހައި ކޮމިޝަނުން ވަނީ، ފުރުމުގެ ކުރިން އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް މިހާރު ކޮށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުން މީހުން ފޮނުވުމަށް ދިވެހި ސަރުކާރާއެކު ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ އިންޑިއާ ހައިކޮމިޝަނުންވަނީ، މިފަހަރު އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށް ވިދާޅުވެފައެވެ. އެހެން ޤައުމުތަކުން އިންޑިއާއަށް އެނބުރި އަންނަ ރައްޔިތުން ފަދައިން މި ރައްޔިތުންވެސް އެނބުރި ޤައުމަށް އެނބުރި ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓުވިޓަރއިން ވަނީ "އައިއެންއެސް ޖަލާޝްވާ"ގެ މަންޒަރުތަކާއި، އިންޑިއާގެ ރައްޔިތުން ގެންދިއުމުގެ އަމަލުކުރަމުންދާ ގޮތުގެ މަންޒަރުތައް ހިއްސާކޮށްފައެވެ. އެގޮތުން މީހުން ގެންދާއިރު އިޖުތިމާޢީ ގައިދުރުކަން ހިފަހައްޓާ، ބައްޔަށް ޓެސްޓްކުރާކަން އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރެއެވެ. މިއަދު ފުރާ ރައްޔިތުން ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެންމެ ފުރަތަމަ ދާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއަށްފަހު މާލޭ ވިޔަފާރިވެރިންގެ ބަނދަރުން މި މީހުން ފުރަން ހަމަޖެހިފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާ ހައިކޮމިޝަންގެ ޓުވީޓް
އިންޑިއާ ހައިކޮމިޝަންގެ ޓުވީޓް

އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލާއިރު، އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝި-ކޭޝް އަދި ވެރިރަށް ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ބައެއް ދިވެހިންކަމަށެވެ. އެމީހުން ގެނައުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެފްލައިޓް ދަތުރުކުރާނީ މާލެއިން އިންޑިއާގެ ވެރިރަށް ދިއްލީއަށް، ދިއްލީން ތިރުވަނަންތަ ޕޫރަމަށް އަދި އެސިޓީން މާލެއަށެވެ.