ޚަބަރު

ދުނިޔޭގެ ތެލެސީމިއާ ދުވަސް: ލޭ ލިބުމަށް އެތައް ހުރަސްތަކެއް


ތެލެސީމިއާއަކީ އެބައްޔެއްގެ ސަބަބުން އެތަކެއް އާއިލާތަކަކަށް ހިތްދަތިކަމާއި ބޮޑެތި ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާ ބައްޔެކެވެ. ރާއްޖޭގައި ތެލެސީމިއާމެދު އާއްމުންގެ ހޭލުންތެރިކަން ދުވަހުން ދުވަހަށް އިތުރުވިނަމަވެސް މިހާރު މިވަނީ ތެލެސީމިއާ ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް އެތަކެއް އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޯވިޑް-19އާއި ގުޅިގެން ދުނިޔޭގެ ބޮޑު ބައެއް ފުރަބަންދު ކުރެވި އެތައް ލައްކަ މީހުން ތިބި ތަނެއްގައި ތާށިވުމުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް އެތައް ތަކުލީފުތަކެއް އުފުލަން މި ވަނީ ޖެހިފައެވެ. މިޙާލަތު ރާއްޖޭގައިވެސް މިވަނީ ކުރމަތިވެފައެވެ. ކުރިން ލޭ ދިން ފަރާތްތައް އެހެން ރަށްރަށުގައި ނުވަތަ ރިޒޯޓްތަކުގައި ތާށިވުމުން ލޭ ނުލިބި ހިތް ދަތި އަދި އުނދަގޫ ގިނަ ދުވަސްތަކެއް މިއަދު މިވަނީ ކަޑައްތުކުރަންޖެހިފައެވެ.

ރާއްޖޭގައި މިހާރުވެސް ލޭ އަޅާ 600 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ މާލޭގައި ދިރިއުޅެމުން އަންނަ ކުދިންނެވެ.
ތެލަސީމިއާ ސެންޓަރުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކްސް ޑރ. އުމަރު ވިދާޅުވީ މިވަގުތު މޯލްޑިވްސް ބްލަޑް ބޭންކުގައި ހުރީ 16ޔުނިޓްގެ ލޭކަމަށެވެ. މިއީ ޚިދުމަތް ހޯދާ ކުދިންގެ އަދަދާއި ބަލާއިރު ވަރަށް މަދު އަދަދެއްކަމަށާއި، ލޭ ލިބުމުގައި ބޮޑެތި ދަތިތައް ތެލަސީމިއާ ތަހަންމަލްކުރަމުންދާ މީހުންނަށް ކުރިމަތިވަމުންދާކަމަށެވެ. ޑރ.އުމަރުވަނީ ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާ ކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ޑރ.އުމަރު ވިދާޅުވީ އާއްމުކޮށްވެސް ރާއްޖޭގައި ދަރުމައަށް އެދިގެން ލޭ ހަދިޔާކުރާ މީހުން ވަރަށް މަދުކަމަށެވެ. އަދި ތެލަސީމިއާ ޕޭޝަންޓުން ޑޯނަރުން ގިނައިން ހޯދަނީ އަމިއްލައަށް ރައްޓެއްސެއްގެ ކައިރީ ބުނެގެން، ނޫނީ އާއިލާގެ އެހީގައިކަމަށެވެ. އަދި ބްލަޑް ބޭންކަށް އާއްމުކޮށް ލޭ ހޯދަނީ ރިޒޯޓްތަކާއި މުޢައްސަސާތައް ގުޅިގެން ބާއްވާ ކޭމްޕްތަކުންކަމަށްވެސް ޑރ.އުމަރު ވިދާޅުވިއެވެ. ނަމަވެސް މި ޙާލަތުގައި ލޭ ހޯދުމަށް އެއްވެސް ޙަރަކާތެއް ބޭއްވެން ނެތުމާއެކު ކޮންމެ މީހަކުވެސް މި ދަނޑިވަޅުގައި، ތެލަސީމިއާ ކުދިންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކޮށްދެއްވުމަށް ޑރ.އުމަރުވަނީ އާންމުންގެ ކިބައިން އެދިފައެވެ. ތެލަސީމިއާ ސެންޓަރުގައި ހުންނަ މޯލްޑިވްސް ބްލަޑް ބޭންކުގެ އިތުރަށް އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭއަށްވެސް ލޭ ހަދިޔާކުރެވޭނެވެ. މޯލްޑިވްސް ބްލަޑް ބޭންކުގައި ހުންނަނީ 200 ޔުނިޓުގެ ލޭ ރައްކާކުރެވޭނެ ޖާގައެވެ. ނަމަވެސް މާލޭގެ ހޮސްޕިޓަލްތަކުގައި ހުރި ޖާގައާއެކު ލޭ ރައްކާކުރެވޭ ޔުނިޓުތަކުގެ ޖާގަ 1000އަށްވުރެ މައްޗަށް އަރައެވެ.

ލެއަކީ ތެލަސީމިއާ ކުދިންގެ ފުރާނައާއި ގުޅިފައިވާ އެންމެ މުހިންމު ޚިދުމަތެވެ. އެހެންކަމުން މި ދަތި ވަގުތުގައި، އެކުދިން ލޭ ހޯދުމަށް ކުރާ މަސައްކަތުގައި ދަރުމައަށް އެދިގެން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމެވެ.

މިއަދަކީ ދުނިޔޭގެ ތެލެސީމިއާ ދުވަސްކަމުން އިތުރު ކަންތައްތަކަކަށް ނަޒަރު ހިންގާލަން ޖެހެއެވެ. ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނަޑައަޅާފައިވާ "ޅަ އުމުރުގައި ތެލެސީމިއާއިން ރައްކާތެރިވުމަށް މަސައްކަތް ފަށާ، ކައިވެނީގެ ކުރިން ޓެސްޓުކޮށް ކުރިއަށް އޮތް ޖީލު ސަލާމަތްކުރޭ" މި ޝިޢާރުންވެސް ތެެލެސީމިއާއަށް ހޭލުންތެރިވެ ބައްޔަށް ސްކްރީންކުރުމުގެ މުހިންމުކަން ހާމަވެއެވެ.

ތެލެސީމިއާއަށް ސްކްރީން ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަކީ މުހިއްމުކަމެއްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދަރުމައަށް ލޭ ހަދިޔާކުރުން ރާއްޖޭގައިވެސް އިތުރުކުރުމަށް އެ ސަރވިސަސްއިން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.

ތެލަސީމިއާއަކީ ލޭގައިވާ އާދަޔާޚިލާފުކަމެކެވެ. ތެލެސީމިއާ ވާރުތަ ކުރަނީ ހަމައެކަނި މައިންބަފައިންގެ ފަރާތުން ދަރިންނަށެވެ. މި ބަލީގެ ސަބަބުން ލޭގައި ހިމެނޭ ހީމޯ ގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއްނުދެއެވެ. ހީމޯގުލޯބިންއަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ އެންމެ މުހިއްމު މާއްދާއެވެ. މި މާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާއަށެވެ. އަދި އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާއަށެވެ. ދިވެހިރާއްޖޭގައި މީގެތެރެއިން އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ. ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާޢިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ޑެސްފަރޯލްގެ ފަރުވާދިނުން ނުވަތަ ބޭސް ބޭނުން ކުރުމެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ މީހުންގެ ދަފްތަރުގައި މިހާތަނަށް 861 ފަރާތެއް ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން ދުނިޔޭގައި ތިބީ 630 މީހުންނެވެ. އަދި މީގެތެރޭގައި އެވެރަޖްގޮތެއްގައި ގިނައީ 16 އަހަރުން ދަށުގެ ކުޑަކުދިންކަމަށާއި، ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުދިންގެ ނިސްބަތުން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތެލެސީމީއަށް ސްކްރީންކުރުމުގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ 1995 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ދިނުމުގައި ރާއްޖެއިން ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ބުނެއެވެ. އެގޮތުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޚިދުމަތް ކުރިއަށްވުރެ ފުޅާކޮށް، ތެލެސީމިއާ ކުދިންނާއި މީހުންނަށް ބޭނުންވާ ބޭސް އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

ތެލެސީމިއާގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ކޮށްދިނުމުގެ އިތުރުން، ޒަކާތު ފަންޑު މެދުވެރިކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދޭ ޚިދުމަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން އެ ސަރވިސަސްއިން ފާހަގަކުރެއެވެ.