ޚަބަރު

ޓެސްޓުކުރެވޭނެ އިންތިޒާމް އިތުރުކުރުމަށް ސަރުކާރުންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން - އެންއީއޯސީ


ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓުކުރެވޭ އިންތިޒާމް އިތުރުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ކޯވިޑް-19 ބަލިމަޑުކަން ކުރިއަށްއޮތް ދުވަސްތަކުގައި އޮންނާނެގޮތުގެ ތަސައްވުރެއް ހިއްސާކުރައްވަމުން ޑރ. ޝީނާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކުގެ ސައްޙަ މަންޒަރެއް ފެންނާނީ ނުވަތަ ބަލިޖެހޭމީހުންގެ އަދަދު ސީދާ ދެނެގަނެވޭނީ ޓެސްޓުކުރެވޭ އަދަދު އިތުރުވެގެން ކަމަށެވެ.

މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ޓެސްޓްކުކުރުމުގެ އިންތިޒާމު ވީހާވެސް އިތުރުކުރުމަށްކަމަށެވެ. މިހާލަތުގައި ނަމަވެސް ކޯވިޑް-19އަށް ޓެސްޓްކުރާ މެޝިން އުފައްދާ ޤައުމުތަކުން އެތަކެތި ގަތުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. ޓެސްޓްކުރާ މެޝިންތައް ލިބޭވަރަކުން ގަންނަން ސަރުކާރުން މިހާރުވެސްއޮތީ ތައްޔާރަށްކަމަށް މަބްރޫކްވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހޯދެންއޮތް ހުރިހާ ގޮތަކުން މެޝިތައް ހޯދަން ގާތް ޤައުމުތާއި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާއި މިތަކެތި ވިއްކާ ކުންފުނިތަކާއި ވާހަކައެބަދެއްކޭ. މިކަމުގައި ހެލްތް މިނިސްޓްރީން އެކަންޏެއްނޫން. އެސްޓީއޯއިން މަސައްކަތް އެބަކުރޭ ރައީސް އޮފީހުން މަސައްކަތްއެބަކުރޭ. އަދި މިތަކެތި ހޯދަދެވޭ ބޭފުޅުން ކޮމްޕެޓިޓިވް އަގެއްގައި ހޯދަދެއްވާކަމުގައިވާނަމަ އެތަކެތި ގަންނަންވެސް ސަރުކާރުން ތައްޔާރަށްމިތިބީ. އަޅުގަނޑުމެން މެޝީން ނުގަންނަށް އެހެންކަމެއް ޕްރެޔޯރަޓައިޒްކޮށްގެންތިބީއެއްނޫން" މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޯވިޑް19އަށް ޓެސްޓުކުރެވޭ ކެޕޭސިޓީއަކީ ދުވާލަކަށް 300 އެއްހާ ސާމްޕަލެވެ. މި އަދަދު އިތުރު ކުރުމަށް އައިޖީއެމްއެޗަށް މިމަހުގެ ތެރޭގައި ގެނައުމަށް ހަމަޖެހިފައިވާ މެޝިން ބޭނުންކުރަން ފެށުމުން އިތުރު 200 ސާމްޕަލް ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވޭނެއެވެ.

ޓެސްޓުކުރުން އިތުރުކުރުމުގެ މުހިންމުކަން ޑޮކްޓަރުން ފާހަގަކުރަމުންދާއިރު، މިިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ގިނައީ އޭ ސިމްޕްޓޮމެޓިކް މީހުންކަމަށް އެންއީއޯސީން ވަނީ ވިދާޅުވަފައެވެ. އޭ ސިމްޕްޓޮމެޓިކް މީހުންނަކީ ވައިރަސް ހުރިނަމަވެސް ބަލީގެ އަލާމަތްތައް ނުފެންނަ މީހުންނެވެ.