ޚަބަރު

ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް ދައްކާ ނަތީޖާތައް ގޯސް: ދެކުނު ކޮރެއާ


ދެކުނު ކޮރެއާގައި ކޯވިޑް-19 ޖެހޭ ބައެއް މީހުން ބަލިން ފަސޭހަވާ ފަހުން އަލުން ބަލިޖެހިފައިވާކަމަށް ތަހުލީލުތަކުން ދައްކަން ފެށުމުން އެޤައުމުގެ އިދާރާތަކުން މިދިޔަ މަހު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ބަލިން ފަސޭހަވާ މީހުންނަށް ދެވަނަ ފަހަރަށް ބަލިމަޑުކަމުގެ އަސަރުކުރާނަމަ، ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމަށް ހުރަސްތަކެއް ކުރިމަތިވުމާއި ވެކްސިނެއް ތައްޔާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ހިޔަނިއެޅުމެވެ.

ނަމަވެސް އެތައް ހަފްތާއެއް ވަންދެެން އެމައްސަލަ ދިރާސާކުރުމަށްފަހު ދެނުކު ކޮރެއާގެ ސައިންސުވެރިންވަނީ ބަލިން ފަސޭހަވާ މީހުން ތަހުލީލުކުރުމުން ދެވަނަ ފަހަރަށް ބަލީގެ އަސަރުހުރިކަމަށް ދައްކަނީ އަލުން ބަލި ޖެހިގެން ނޫންކަމަށާއި، ކުރިން ބަލި ޖެއްސި ވައިރަހުގެ ބައެއް ބައިތައް އަދިވެސް ހަށިގަނޑުގައި ހުރީމަކަމަށް ޤަބޫލުކުރެވޭކަމަށް ބުނެފައެވެ. އެބައިތަކުގެ ސަބަބުން އެހެން މީހުންގެ ގަޔަށް ބަލި ފޯރުމުގެ ފުރުޞަތު އޮންނާނެކަމަށް ނުބެލެވޭކަމަށް ސައިންސުވެރިން ޤަބޫލުކުރެއެވެ.

ދެކުނު ކޮރެއާގައި ކޯވިޑް-19 ޖެހި ފަސޭހަވުމަށްފަހު އަލުން ހަށިގަނޑުގައި ބަލީގެ އަސަރުހުރިކަމަށް ތަހުލީލުތަކުން ދެއްކި 350އަށްވުރެ ގިނަ މީހުން އެޤައުމުންވަނީ ފާހަގަވެފައެވެ. އޭގެ ސަބަބު ހޯދަން އެކި ގޮތްގޮތުން ސަައިންސުވެރިން މަސައްކަތްކުރިއެވެ. ބަލި ދެވަނަ ފަހަރަށް ޖެހެނީތޯ ނުވަތަ ކުރިން ބަލިޖެހުނުއިރު ހަށިގަނޑުގައި ހުރި ވައިރަހުގެ އަސަރު ދެވަނަ ފަހަރަށް ބާރުގަދަވާން ފަށަނީތޯ ސައިންސުވެރިންވަނީ ދިރާސާކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ޚާއްޞަ ސައިންސުވެރިންގެ ޓީމަކުން މައްސަލަ ދިރާސާކުރުމަށްފަހު އެންމެ ބޮޑަށް ބުރަވެވެނީ ބަލީގެ އަސަރު އަދިވެސް ހުރިކަމަށް ދައްކާ ނަތީޖާތަކަކީ ގޯސްކޮށް ދައްކާ ނަތީޖާއެއްކަމަށް ނިންމާފައެވެ.

ދެކުނުކޮރެއާގައި ކޯވިޑް-19 އަށް ތަހުލީލުކުރުމަށް ބެނުންކުރަނީ އާރުޓީ-ޕީސީއާރު ޓެސްޓެވެ. އެތަހުލީލުން ބަލި ޖައްސާ ވައިރަހުގެ ޖެނެޓިކް މާއްދާތައް ހަށިގަނޑުގައި ހުރިތޯ ދެނެގަނެއެވެ. އެތަހުލީލަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ އަދި ބަލީގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ކުރެވޭ އެންމެ ޔަޤީންކަންބޮޑު ތަހުލީލެވެ. ނަމަވެސް ބައެއްފަހަރު އެތަހުލީލުން ކުރީގައި ބަލި ޖެހުމުގެ ސަބަބުން ވައިރަހުގެ ބައެއް ބައިތައް ހަށިގަނޑުން ނުފިލާހުރުމުން، ވައިރަހުގެ އަސަރު އަދިވެސް ހަށިގަނޑުގައި ހުރިކަމަށް ދެއްކުުން އެކަށީގެންވާކަމަށާއި، އެހެންނަމަވެސް އެބައިތަކުގެ ސަބަބުން އެހެން ބަޔަކަށް ބަލި ފޯރާނެކަމަށް ނުބެލެވޭކަމަށް ޗަން އަންގް ޔުނިވާސިޓީގެ ވެކްސިން އުފެއްދުމާ ބެހޭ މާހިރެއްކަމަށްވާ ސައުލް ޑައިވޫ ވަނީ ވިދާޅުވެފައެވެ. އާރުޓީ-ޕީސީއާރު ޓެސްޓަކުން ބަލިޖައްސާ ބާރުހުރި ވައިރަހާ ބަލިޖެއްސުމުގެ ބާރު ކެނޑިފައިވާ ވައިރަހުގެ ބައިތަކާ ދެމެދުވާ ފަރަޤު ފާހަގަނުކުރާނެކަމަށާއި، އެތަހުލީލުން ހަމައެކަނި ބަލަނީ ހަށިގަނޑުގައި ވައިރަހުގެ މާއްދާއެއް ހުރިތޯކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 ޖެހުމަށްފަހު ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން އެތަހުލީލު ހެދުމަށް ސާންޕަލުނަގަނީ ދެވަނަ ފަހަރަށް ބަލީގެ ޢަލާމަތްތައް ފެންނަ މީހުންނާއި، ވަކި ޚާއްޞަ ސަބަބެއްނެތި ދިރާސާގެ ބޭނުމަށް ތަހުލީލުކުރާ މީހުންގެއެވެ. އެގޮތަށް ދެވަނަ ފަހަރަށް ތަހުލީލުކުރި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ފެނިފައިވަނީ ދެބައިކުޅަ އެއްބައި މީހުންނަށްވުރެ މަދު މީހުންގެ ގައިންނެވެ. ނަމަވެސް އެއަލާމާތްތަކަކީ ވައިރަހުގެ ސަބަބުން މެދުވެރިވި އަލާމާތްތަކެއްކަމަށް ނުބެލެވޭކަމަށް ޞިއްޙީ އިދާރާތަކުންވަނީ ބުނެފައެވެ. އަދި ބަލީގެ އަސަރު އަދިވެސް ހަށިިގަނޑުގައި ހުރިކަމަށް ދައްކާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭކަމުގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އެއިދާރާތަކުން ބުނެއެވެ. ޞިއްޙީ މާހިރުންދަނީ އެމީހުންގެ ވިސްނުމަށް ބާރުދޭ އިތުރު ހެކި ހޯދުމަށް އިތުރު މަސައްކަތްތައް ކުރަމުންނެވެ.

ކޯވިޑް-10 ގެ އަސަރު ދެވަނަ ފަހަރަށް ކޮށްފައިވާ ކަމަށް ނަތީޖާ ދެއްކި މީހުންގެ ކަލްޗަރ ޓެސްޓެއް ވަނީ ހަދާފައެވެ. އެ ތަހުލީލުގެ ނަތީޖާ ލިބެން ދެހަފްތާއަށްވުރެ ގިނަ ދުވަސް ނަގައެވެ. މިހާތަނަށް ނަތީޖާ ލިބިފައިވާ 29 ތަހުލީލުގެ ނަތީޖާއިން ދެއްކީ ކޯވިޑް-19 ބަލި ޖެއްސުމުގެ ބާރު އެމީހުންގެ ހަށިގަނޑުގައި ނެތްކަމަށެވެ. ބާކީހުރި 79 ތަހުލީލުގެ ނަތީޖާ އަދު ނުލިބެއެވެ.

ހެޕަޓައިޓިސް ބީ އާއި އެޗުއައިވީ ފަދަ ބަލިތަކަކީ ބަލިޖެހޭ މީހާގެ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ މައި ބައި ކަމުގައިވާ ނިއުކްލިއަސްއަށް ހަމަލާދޭ ބަލިތަކެކެވެ. ނަމަވެސް ކޯވިޑް-19 އަކީ އެފަދަ ބައްޔެއް ނޫންކަމަށާއި، އުމުރު ދުވަހަށް ބަލީގެ އަސަރު ހަށިގަނޑުން ނުފިލާ ހުރުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށް ސޯލް ނޭޝަނަލް ޔުނިވާސިޓީގެ ޑޮކްޓަރެއްކަމަށްވާ ޔަންގް-ޑަންވަނީ ވިދާޅުވެފައެވެ.