ޚަބަރު

ހަފުތާއަކަށް ދިގުދެމިގެންދާ ޚާމަނާއީގެ ޖަނާޒާ ފަށައިފި


ޔަހޫދީންނާއި އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާ ފަށައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަވަހާރަކޮށްލި ޚާމަނާއީގެ ހަށިކޮޅު މިވަގުތު ބާއްވާފައި އޮތީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ. ޚާމަނާއީއަށް އަލްވަދާޢު ކިޔުމަށް އެތަކެއް ހާސްބަޔަކު ވަނީ ތެހެރާނުގެ އެ ސަރަޙައްދަށް ޖަމާވެފައެވެ.

އެއަށްފަހު ޚަމަނާއީގެ ހަށިކޮޅު އީރާނާއި އިރާޤުގެ ޝިއަޢީންގެ މައި ސަހަރުތައް ކަމަށްވާ ޤުމް، ނަޖަފް އަދި ކަރްބަލާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ޝިއަޢީގެ މުޤައްދަސު މަޝްހަދުގައެވެ.

ޚާމަނާއީގެ ޖަނާޒާ ފަސްކުރަން ނިންމީ، އެމެރިކާ އާއެކު ހަނގުރާމަ ކުރަމުންދިޔުމުގެ ސަބަބުން ގިނަ ޢަދަދެއްގެ އާންމުން އެއްތަނަކަށް އެއްވުން ރައްކާތެރިނުވާތީކަމަށް ބުނެއެވެ.

ޚާމަނާއީގެ ޖަނާޒާ ކުރިއަށް ގެންދަން ނިންމާފައިވަނީ، އެމެރިކާ އާއެކު ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚާމަނާއީގެ ޖަނާޒާއާ ދިމާކޮށް، ތެހެރާނުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

އަދި ޖަނާޒާ ކުރިއަށްދަނިކޮށް، އެއްވެސް ޙަމަލާއެއް ނުދިނުމަށް އީރާނުން ވަނީ އެމެރިކާ އާއި ޔަހޫދީންނަށް އިންޒާރުދީފައެވެ.

އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ޚާމަނާއީ މަސައްކަތްކުރައްވަން ފެށީ 1989ވަނަ އަހަރުއެވެ. އޭނާ އެ މަޤާމާ ޙަވާލުވެވަޑައިގަތީ 1979ވަނަ އަހަރުގެ އިންޤިލާބުގެ ދުވަސްވަރުގައި އީރާނުގެ ރޫޙީ ވެރިޔާގެ ގޮތުގައި ހުންނެވި އާޔަތުالله ރޫޙުالله ޚާމަނާއީއަށް ފަހުގައެވެ.

ޚާމަނާއީގެ ބަދަލުގައި އެ މަޤާމަށް އައްޔަނުކޮށްފައިވަނީ އެ މަނިކުފާނުގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީއެވެ.