ވިޔަފާރި

ބީއެމްއެލް ކޭޝްބެކްގެ ޚިދުމަތް ތައާރަފްކޮށްފި


ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކަސްޓަމަރުންނަށް ފަސޭހައިން ފައިސާ ނެގޭ ކޭޝްބެކްގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ. 



ބީއެމްއެލް ކޭޝްބެކް ޚިދުމަތަކީ ކަސްޓަމަރުން ބީއެމްއެލްއިން ދޫކުރާ ޑެބިޓް ކާޑުތައް މެދުވެރިކޮށް ވިޔަފާރިކުރާއިރު ބިލްގެ 15 އިން ސައްތަ ނަގުދު ފައިސާގެ ގޮތުގައި ނެގޭ ޚިދުމަތެކެވެ.  މި ޚިދުމަތާއި ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ކޯޑިނޭޓަރ ބީއެމްއެލް މުޙައްމަދު ސަޢީދު ވިދާޅުވީ، މި ޚިދުމަތަކީ އެއްވެސް އަގަކާނުލާ ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބޭ ޚިދުމަތެކެވެ. އަދި ކަސްޓަމަރުންގެ އެކައުންޓުން ކެނޑޭނީ ހަމައެކަނި ކުރި ވިޔަފާރީގެ އަދަދާ ކޭޝްބެކްގެ ގޮތުގައި ނަގަން އެދޭ އަދަދު ކަމަށެވެ.



'' މިސާލަކަށް، ކަސްޓަމަރަކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން 1000 ރުފިޔާ ގެ ވިޔަފާރިއެއްކޮށް، ފައިސާ ދައްކަމުން އެދުނީ އެ ކުރި ވިޔަފާރީގެ 15 އިންސައްތަ ކަމަށްވާ 150 ރުފިޔާ ކޭޝްބެކްގެ ގޮތުގައި ނަގަން. މިގޮތުން ކަސްޓަމަރުގެ އެކައުންޓުން ޖުމްލަ 1150 ރުފިޔާ ކެނޑުމަށްފަހު ކަސްޓަމަރަށް ވިޔަފާރިކުރި ތަކެއްޗާއެކު 150 ރުފިޔާ ލިބޭނެ '' ސަޢީދު ވިދާޅުވިއެވެ.



ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި،  ބީއެމްއެލް ކޭޝްބެކް ޚިދުމަތް ތައާރަފްކުރުމުގެ ސަބަބުން ވިޔާފާރިންނަށް ފައިދާވެ، ވިޔަފާރި އިތުރުވުމާއި ކޭޝްބެކް  ސަރވިސް ޚިދުމަތާއި ގުޅިގެން  ކަސްޓަމަރުންގެ އިތުބާރު  ލިބިގެންދިއުން ހިމެނޭ ކަމަށް. އަދި ނަގުދު ފައިސާ  ބަލަހައްޓަންޖެހޭ މިންވަރު މަދުވުމާއި  ނަގުދު ފައިސާ ބްލެންސްކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.



 ބީއެމްއެލް ކޭޝްބެކްގެ ޚިދުމަތް މިވަގުތަށް ލިބެމުން ދާނީ އަގޯރާ، ލެކިއުޓް، ރެޑްވޭވް، ފްރީ ގާއިޒް، ގާއިޒް 2000،  ލެކިއުޓް އިލެކްޓްރޯނިކްސް، ސްމާޓް ފޯންސް، ސްމާޓް އިލެކްޓްރޯނިކްސް އަދި ސޮނީ ސްޕޯޓްސްގެ ފިހާރަތަކުންނެވެ. ކުރިއަށް އޮތްތާގައި އިތުރު ފިހާރަތަކުން މި ޚިދުމަތް ދިނުމަށް ބޭންކުން ދަނީ މަސައްކަތްކުރަމުންނެވެ.