ޚަބަރު

ކޯވިޑް-19: މަސްޖިދުލް ޙަރާމްގައި ސްޓެރަލައިޒޭޝަން ގޭޓްތައް ބަހައްޓައިފި


މަސްޖިދުލް ޙަރާމްއަށް ވަންނަ މީހުން ސްކޭންކޮށް، ވައިރަސްތަކާއި ޖަރާސީމުތައް ނައްތާލާ ސްޓެރަލައިޒޭޝަން ގޭޓުތައް މައްކާގެ މަސްޖިދުލް ޙަރާމްއަށް ހަރުކޮށްފިއެވެ.

މަސްޖިދުލް ޙަރާމް ބަލަހައްޓަވާ އިދާރާއިން ސްޓެރައިލައިޒޭޝަން ގޭޓު ބަހައްޓާފައިވަނީ މިހާރު ފެތުރެމުންދާ ކޯވިޑް ނަވާރައިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މި ގޭޓުތަކުން ވަންނަ މީހުން ސްޓެރެލައިޒްކުރަނީ ސެނިޓައިޒާ ސްޕްރޭ ބޭނުންކޮށްގެންނެވެ. އަދި ގޭޓު ހުރަސްކުރާ މީހުންގެ ހުން ބެލުމުގެ ޤާބިލުކަންވެސް މި ގޭޓުތަކުގައި ހުރެއެވެ. ހަމައެއާއެކު އެއްފަހަރާ އެތައް ބައެއްގެ ހުން ޓެސްޓުކުރުމަށް މިގޭޓުތަކުގައިވާ ސްމާޓް ސްކްރީންތައް މަސައްކަތްކުރެއެވެ.

ފުރަތަމަ ސްޓެރެލައިޒޭޝަން ގޭޓު ހަރުކޮށްފައިވަނީ ޢަބްދުލް އަޒީޒް ދޮރާށީގައެވެ. އަދި އަޖުމަ ބެލުމަށްފަހު ކުރިއަށް އޮތްތާނގައި މަސްޖިދުލް ޙަރާމްގެ ހުރިހާ ސަރަޙައްދެއްގައި މިގޭޓުތައް ބަހައްޓައިގެން މިސްކިތަށް ވަންނަ ހުރިހާ މީހުން ސްކޭން ކުރުމުގެ މަސައްކަތް ކުރުމަށް ޙަރަމްފުޅު ބަލަހައްޓަވާ އިދާރާއިން ވަނީ ނިންމާވާފައެވެ.

މިހާރު ފެތުރެމުން އަންނަ ކޯވިޑް ނަވާރައާއި ގުޅިގެން މަސްޖިދުލް ޙަރާމް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް މިސްކިތުގައި ބަންގިގޮވާ ނަމާދުކުރުމުގެ ފުރުސަތު މިސްކިތް ސާފުކޮށް ބަލަހައްޓާ ފަރާތްތަކަށް އޮވެއެވެ. މަސްޖިދުލް ޙަރާމަކީ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަމުގެ ދުވަސްވަރު ނޫނަސް އެތައް ހާސް މުސްލިމުންނެއް ޢާއްމުކޮށް ނަމާދުކޮށް އަޅުކަންކުރުމުގައި ގިނަ ވަގުތު ހޭދަކުރަތަނެކެވެ، އެހެންނަމަވެސް ވައިރަހާއި ގުޅިގެން މިހާރުވަނީ ޙަރަމްފުޅު ޢާއްމުނަށް ބަންދުކޮށްފައެވެ.