ޚަބަރު

އާންމު ޙާލަތަށް ރުޖޫޢަވުމަށް ޤައުމީ ޓާސްކްފޯހެއް ރައީސް އުފެއްދަވައިފި


ކޯވިޑް19 އިން އާންމު ޙާލަތަށް ރުޖޫޢަވުމަށާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު އާރާސްތުކުރުމަށް، ޤައުމީ ޓާސްކްފޯހެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދަވައިފިއެވެ.

"ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ޓާސްކްފޯސް އެއް އުފެއްދެވުމަށް، ރައީސް ނިންމެވީ މިދިޔަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޤައުމީ މި ޓާސްކްފޯސް ހިންގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ.

މިއީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މި ދަތިތަކާ ގުޅިގެން އިޖްތިމާޢީ ގޮތުން ދިމާވަމުންދާ އަދި ކުރިއަށް އޮތްތަނުގައި އަތުވެދާނެ އެކި އެކި މައްސަލަތަކަށް ފާރަވެރިވެ، ޙައްލުތަކެއް ހޯދުމަށްޓަކައި، ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވާ، ވިލަރެސްކޮށް، ހިންގާނެ ނިޒާމެއް ޤާއިމު ކުރުމުގެ ގޮތުން އުފައްދަވާ ޓާސްކްފޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ޤައުމީ ޓާސްކްފޯސްގެ މަސައްކަތްތައް

މި ޓާސްކްފޯސްގެ މައިގަނޑު މަޤްސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިޤްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިޤްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ޚިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އަދި މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 3 މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ.

ޓާސްކްފޯސް ގެ މަސައްކަތް ބަހާލެވިފައިވާ ގްރޫޕްތައް

- ވާރކިންގ ގްރޫޕް އޮން ފައިނޭންސް

- ވާރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ

- ވާރކިންގ ގްރޫޕް އޮން ސޯޝަލް ސެކްޓަރ

ފައިނޭންސް ވާރކިންގް ގްރޫޕް

މި ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާއި ކޯވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ. ހަމައެއާއެކު އެ ފައިސާ ހޯދުމަށް، ބައިލެޓަރަލް، މަލްޓިލެޓަރަލް އަދި އެނޫންވެސް އެހެނިހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރުންވެސް ވާރކިންގ ގްރޫޕް އޮން ފައިނޭންސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ސަރުކާރަށް މިހާތަނަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުންވެސް ހިމެނެއެވެ. ފައިނޭންސް ވާކިންގ ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށްކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ

ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ

އިކޮނިމިކް ރިކަވަރީ ވާރކިންގ ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިޤްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒައިންކޮށް ފޯރުކޮށްދިނުމާ އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކޮށް ހިންގުމެވެ.

އަދި ވަޒީފާގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާން ކަންކަން ނިންމާ ހިންގުމާއި، މިހާރުން މިހާރަށްވެސް، އިޤްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިޤްތިސާދީ ހަރަކާތްތައް ހޯދާ، މިކަންކަން ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށްވެސް އިކޮނިމިކް ރިކަވަރީ ވާރކިންގ ގްރޫޕުން މަސައްކަތްކުރާނެއެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭނަމަ ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން މި ވަރކިންގ ގްރޫޕުން ތަންފީޒުކުރާނެއެވެ.

ވާރކިންގ ގްރޫޕް އޮން ސޯޝަލް ސެކްޓަރ

މި ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާރވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މި 3 ވާރކިންގ ގްރޫޕްތަކުގެ އެކި މަސައްކަތްތަކަކީ މިހާރުވެސް އެކި އެކި ގޮތްގޮތުން ކުރިއަށްދާ މަސައްކަތްތައްކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމެވެ.