ޚަބަރު

ކޯވިޑް-19 : ރަށްރަށަށް ނުދެވި ތިބި 42 މީހަކު ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފި


އެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުންގެ ތެރެއިން ފުރަބަންދާ ގުޅިގެން ރަށްރަށް ނުދެވިތިބި މީހުންގެ ތެރެއިން 42މީހަކު އެމީހުންގެ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިމީހުން ރަށައް ފޮނުވުމަށްޓަކައި މިހާރު 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށެވެ. އަދި 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ކޯވިޑް-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ އެމީހުން ރަށައް ފޮނުވާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން ގެންދަނީ މޭލޭގައި ތިބި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއްވެސް މިހާރުވަނީ އެކުލަވާލާފައެވެ.

މި އުޞޫލް ކަނޑައަޅާފައިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މި ޤާނޫނުގެ 33ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ އުޞޫލެކެވެ. މި އުޞޫލްގެ ދަށުން އެފަދަ ފަރާތްތައް ރަށަށް ފޮނުވުމުގައި އިސްކަން ދިނުމަށް 3 ބައެއް ވަނީ ކަނޑައަޅާފައެވެ.

ހާލުގައި ޖެހިފައިތިބި މީހުންނަށް ސަރުކާރުން އެހީ ފޯރުކޮށްދެމުންދާއިރު ބޯހިޔާވަހިކަން ބޭނުންވާ ފާރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޯށްދިނުމާއި ކާބޯތަކެތިވެސް ދަނީ ފޯރުކޯށްދެމުންނެވެ. މިހާރުވެސް 187 މީހަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިވަގުތުވެސް ވަގުތީ ބޯހިޔާވަހިކަމުގައި 95 މީހަކު އެބަތިބިކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.