ވިޔަފާރި

ކުންފުނިތަކުގެ މާލީ ހިސާބުތައް އާންމުކުރަންޖެހޭ ތާރީހް އަނެއްކާވެސް ފަސްކޮށްދީފި


ކުންފުނިތަކުގެ މާލީ ހިސާބުތައް އާންމުކުރަންޖެހޭ ތާރީހު އަނެއްކާވެސް ފަސްކޮށްދީފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ، ސީއެމްޑީއޭއިން ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ޝާއިޢުކުރުމުގެ މުއްދަތު 31 ޖުލައިއާ ހަމައަށް އިތުރުކޮށްދީފައިވާކަމަށެވެ.

ސީއެމްޑީއޭއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓާއި ކޯވިޑް 19 އެސެސްމަންޓް ރިޕޯޓު ހިމަނައިގެން ދެވަނަ ކުއާޓަރުގެ ރިޕޯޓާއެކު، 31 ޖުލައިގެ ނިޔަލަށް ރިޕޯޓް ޝާއިޢުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. މީގެކުރިން ސީއެމްޑީއޭއިން ބުނެފައިވަނީ ޖޫން މަހުގެ 30ގެ ކުރިން އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ނެރެންޖެހޭނެކަމަށެވެ.

މުއްދަތު އިތުރުކޮށްދީފައިވީނަމެސް، ޙިއްޞާގެ އަގަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް މުޢާމަލާތެއް ކުންފުންޏަކުން ހިންގައިފިނަމަ، ނުވަތަ އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ، އެ ކުންފުންޏަކުން ވަގުތުން މަޢުލޫމާތު ހާމަކުރަންޖެހޭނެކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ކުންފުނިތަކުގެ މާލީ ހިސާބުތައް ހާމަކުރުން ލަސްކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް 19 އާގުޅިގެން ކުންފުނިތަކުގެ ވިޔަފާރިއަށް ކުރާނެ އަސަރާއި ކުންފުނީގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކަށް އެޑްރެސްކޮށް، ކުންފުނިތަކުން ރިޕޯޓެއް ނެރުމަށް ފުރުޞަތު ދިނުންކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ. އަދި ކުންފުނީގެ ވިޔަފާރީގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރުކުރާނެ ނުވަތަ އަސަރުކޮށްފައިވާ ގޮތް ވަޒަންކުރުމަށް އިންވެސްޓަރުންނަށް ފުރުޞަތު ލިބިދިނުމާއި ސެކިއުރިޓީޒް ގަނެވިއްކުމުގައި އިންވެސްޓަރުންނަށް ގޮތެއް ނިންމުމުގައި މަގުފަހިކޮށްދިނުމަކީވެސް މަޤްސަދެއްކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކުންފުނިތަކަށް އަހަރީ އާންމު ޖަލްސާތައް ބާއްވަން ދަތިވާނެތީ، އަހަރީ ޖަލްސާތައް ބާއްވަންޖެހޭ ތާރީޚުވެސް ސީއެމްޑީއޭއިން މީގެކުރިން ވަނީ ފަސްކޮށްދީފައެވެ.