ޚަބަރު

ފެމިލީ ކޯޓަށް ތާރިޚީ ދުވަހެއް - ވީޑިއޯކޮންފަރެންސް މެދުވެެރިކޮށް ފުރަތަމަ ކައިވެނި


ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަަަށް ފެމިލީ ކޯޓުން މިއަދު ކައިވެންޏެއް ކޮށްދީފިއެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރަކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްް މެދުވެރިކޮށް ކައިވެނިކޮށްދިނުމަަށް ނިންމައި އަމަލުކުރާނެ ގޮތުގެ އުސޫލު އާއްމުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކަައިވެނި ކުރެވޭ ދެމީހުންނާއި ހެކިވެރިންނާއި އަދި ވަލީވެރިޔާ ވެސް ކޯޓަށް ނުގޮސް ކައިވެނިކުރެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށްފަހު ފެމިލީ ކޯޓުން ފުރަތަމަ ކޮަަށްދީފައި ވަނީ ރުޖޫއަ ކައިވެންޏެކެވެ. މި ކައިވެނި ކޮށްދީފައިވަނީ މިއަދު ހަވީރުއެވެ. ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކައިވެނި ކުރުމުގެ ކަންކަން ދިޔައީ އިންތިޒާމްގެ ތެެެެރެއިން ވަރަށް އޮމާންކޮށް ކަމަށާއި ނެޓްވޯކްގެ މައްސަލައެއްޖެހި ޑިސްކަނެކްޓްވުންފަދަ މައްސަލައެއްވެސް ނުޖެހޭ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވައި ކައިވެނި އަގުދުކޮށްދިނުމުގެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެ ހެކިން ސޮއިކޮށް ހުށައަޅަންޖެހެއެވެ.

މި ގޮތައް ކައިވެނިކުރާއިރު ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވަންޖެހެއެވެ. އަދި މިގޮތައް ކުރެވޭ ކައިވެނީގެ މަޖލިސްތައްވެސް ކުރިއަށްދާނީ ޢާއްމު އުސޫލުން ކައިވެނީގެ މަޖިލިސްކުރިއަަށްދާގޮތަށެވެ.

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައްވެސް ބަންދުކޮށްފައިވާއިރު ފެމިލީ ކޯޓުން ކޮށްދެމުންދިޔަ ކައިވެނިތައް ކޯޓު ބަންދުވުމާ ގުޅިގެން އޮތީ މަޑުޖެހިފައެވެ. އެހެން ނަމަވެސް ކޯޓު ބަންދުވުމުގެ ކުރިން ކައިވެނިކުރުމަށް ހުށައަޅާފައިވާ ފަރާތްތައްވެސް ކައިވެނިކޮށްދިނުމަށް މިހާރު އެދުމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ އުސޫލުގެ ދަށުން ކަައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ.