ޚަބަރު

ކޯވިޑް-19 : އިތުރު 2 ބާވަތަކުން ޑިއުޓީ ކަނޑާލަން މަޝްވަރާކުރަނީ


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިތުރު ބާވަތްތަަކަކުން ޑިއުޓީ ކަނޑާލުމަށް އިކޮނޮމިކް މިނިސްޓްރީއާއިއެކު މަޝްވަރާކުރަމުންދާކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުﷲ ޝަރީފް ވިދާޅުވީ 2 ބާވަތަކުން ޑިއުޓީ ކަނޑާލުމަށް އިކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާކުރަމުންދާކަމަށެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން މިހާތަނަށް ޑިއުޓީ ކަނޑާލާފައިވަނީ އެ ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ސިއްޙީ އާލާތްތަކާއި، ސައިބޯނިފަދަ ތެކެތިންނެވެ. ނަމަވެސް މިފަހަރު ޑިއުޓީ ކަނޑާލުމަށް މަޝްވަރާކުރަނީ ކޯވިޑާއި ގުޅިގެން ޑީމާންޑް ބޮޑުވެފައިވާއި އިތުރު އެހެން 2 ބާވަތަކުންނެވެ. ކަސްޓަމްސްގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގައިވާގޮތުން، ކުއްލި ޙާލަތްތަކަށް ބޭނުންވާ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުގެ ބާރު ރަޢީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

"ކަަރަންޓީންގައި ތިބޭ އެންމެނަށް ކާން ގެންދަނީ ލަންޗްބޮކްސްގައިކަމުން މި ބާވަތް ބާޒާރުގައި ލިބުން ދަތިވެއްޖެ. އަދި ވެމްކޯގެ އެންގުމަށް ޑަބަލް ކޮތަޅުގައި ކުނި ޕެކްކުރުމުން ކޮތަޅު ލިބުންވެސް ދަތިވެއްޖެ. މިހާރު މަސައްކަތް މިކުރަނީ މި ދެ ބާވަތުން ޑިއުޓީ ފްރީކުރެވޭނި ގޮތްތަކަށް. އަދި ރައީސްއަށް ހުށައެޅުމަށް ތައްޔާރުވަމުން މިދަނީ." ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން މީގެކުރިންވެސްވަނީ ގިނަ ތަކެތިން ޑިއުޓީ ކަނޑާލާފައެވެ. އޭގެތެރޭގައި ހޭންޑް ސެނިޓައިޒަރއާއި، މާސްކާއި، ފޭސް ޝިލްޑު، އަތް ދޮންނަ ސައިބޯނި ފުޅި، ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބޭނުންކުރާ އަންގި އާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓަންޓުވެސް ހިމެނެއެވެ.

ކަސްޓަމްސްއިން މަޢުލޫމާތުދޭ ގޮތުގައި މިއަހަރުގެ މިހާތަނަށް މި ބާވަތްތައް ގިނަ އަދަކަށް ރާއްޖެ އެތެރެކޮށްފައިވެއެވެ. ޑިއުޓީ މާފްކުރި ބާވަތްތަކުން 9.6 މިލިއަން ރުފިޔާ ވަނީ މާއާފްވެފައެވެ.

މީގެއިތުރަށް ބޭހާއި ސިއްޙީ ބޭންނުންތަކަށް ގެންނަ މެޝިނަރީއަކީވެސް ޑިއުޓީ މާފްކޮށްފައިވާ ތަކެއްޗެވެ.
މިއަހަރު މިހާތަނަށް ރާއްޖެ އެތެރެކުރި ބާވަތްތަކުގައިވެސް އެންމެ ގިނައިން ހިމެނޭ އެއް ބާވަތަކީ ސިއްޙީ ބޭނުންންތަކަށް އެތެރެކުރި ބާވަތްތަކެވެ.