ޚަބަރު

ކޯވިޑް-19 : 4.7 މިލިއަން ފޭސް މާސްކް ރާއްޖެއަށް އެތެރެކޮށްފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް ރާއްޖެއަށް 4.7 މިލިއަން މާސްކް އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ މަސައްކަތްތަަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ނެޝަނަލް އެމަނޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ޑިއުޓީ މަޢާފްކުރި ތަކެތިން 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މަޢާފްކޮށްދީފައިވާކަމަށެވެ.

މިއަހަރު ރާއްޖެއަށް އިމްޕޯޓްކުރި ތަކެތީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކާޑާއި ކެއިންބުއިމަށް ބޭނުންކުރާ ޒަރޫރީ ބާވަތްތަކާއި ކޯވިޑް-19އާ ގުޅިގެން ރާއްޖެ އެތެރަކުރަމުންދާ ތަކެއްޗެވެ. ޚާއްސަކޮށް ކޯވިޑް-19އިން ރައްކާޓެރިވުމަށް ބޭނުންވާ އާލާތްތައް އެތެރެކުރާ މިންވަރުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

ޢަބްދުﷲ ޝަރީފް ވިދާޅުވީ ކާޑުގެ ބާވަތްތައް އެތެރެކުރި މިންވަރުން %45 އިތުރުވެފައިވާކަމަށެވެ. ކާޑުގެ ބާވަތްތަކަށް މިއަހަރު 270 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ކުކުޅުބިހުން %5 އަދި ޕެޓްރޯލާއި ޑީސަލް އިތުރުކުރި މިންވަރު %6 އިތުރުކަަމަށް އޭނާ ވިދާޅުވިއެވެ. އިމްޕޯޓް އެންމެ ބޮޑަށް ދަށްވެފައިވަނީ ރިސޯޓްތަކުގެ ބޭނުމަށް ގެންނަ އޫރުމަހާއި ބަނގުރާގެ ބާވަތްތަކުންނެވެ.

މިއަރުގެ ފުރަތަމަ 4 މަސްދުވަހު އެންމެބޮޑަށް އިތުރުވެފައިވަނީ ކޯވިޑް-19ގެ ވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ ވަސީލަތްތަކާއި ޑިސްއިންފެކްޓުކުރާ ބާވަތްތަކާއި އަތް ދޮންނަ ސާމާނު އެތެރެކުރާ މިންވަރެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެ އެތެރެކުރި ބާވަތްތަކުންވަނީ 9.6 މިލިއަން ރުފިޔާ ޑިއުޓީ މާފްކޮށްދީފައެވެ. އެއީފޭސް މާސްކުން 3.4 މިލިއަން ރުފިޔާ، ޑިސްއިންފެކްޓު ކުރާ ބާވަތްތަކާއި އަތްދޮންނަ ސާމާނުން 1.2 މިލިއަން ރުފިޔާ، މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓުން 4.9 މިލިއަން ރުފިޔާވަނީ މަޢާފްކޮށްދީފައެވެ.

މާސްކާއި، މެޑިކަލް އިކުއިޕްމަންޓުން ޑިއުޓީ މާފްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެން ވިޔަފާރިވެރިންނަށް މާލީ ލުއިތައް ފަހިކޮށްދީ އިމްޕޯޓްކުރުމަށް ލުއިފަސޭހަކުރުމަށެވެ. މިއަހަރު މިހާތަނަށް 360 އުޅަނދަކުންވަނީ ރާއްޖެއަށް މުދާ ގެނެސްފައެވެ.